އެޗްޕީއޭ

އެޗްޕީއޭއަށް ސިޔާސީ ނުފޫޒު އޮތް ކަމުގެ ތުހުމަތު

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތެރެއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައިފި އެވެ.

ކޮވިޑް ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. ނަމަވެސް ކޮވިޑްގެ ބަލި ރާއްޖޭގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެކަމާއި ގުޅިގެން ސަރުކާރުން ރޭ ވެސް ވަނީ އިތުރު ފިޔަވަޅެއް އިއުލާނު ކޮށް ގިނަ ބަޔަކު ރުޅި އަރުވާލާފަ އެވެ. އެގޮތުން މިރެއިން ފެށިގެން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާ ކޮށްފައެވެ. މި ފިޔަވަޅާއެކު ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ނިންމުމަށް ފާޑު ވިދާޅުވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ރައްޔިތުން ސަލާމަތް ވާނީ އެޗްޕީއޭގެ ޓެކްނިކަލް ޓީމު ސިޔާސީ ނުފޫޒުން ސަލާމަތް ވެގެން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ކުރިން އެޗްޕީއޭއިން އަންގާލިނަމަ އަތް ދޮންނަން ގެއަށް ނުވަދެ ވެހިކަލް ދޮވެގެން ފަރުޖައްސާލެވުނީސް. އަތްދޮންނަން ގެއަށް ވަދެ ތިއްބާ ދައުލަތް ދޮވެލީ،" ޝިޔާމް ވިދާޅުވި އެވެ.

މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ ސަރުކާރުން އެޗްޕީއޭއަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް ކޮށްފަ އެވެ. އެޗްޕީއޭއިން މި ފަހުން ދެކޮޅު ޖެހޭ އެއްވެސް ކަމެއް ނުކުރާ ކަމަށާ މިހާރު އަޅަމުންދާ ފިޔަވަޅުތަކުން ނުކުންނާނެ ނަތީޖާއެއް ނުވިސްނޭ ކަމަށް ވެސް ހުސައިން މުހައްމަދު ވިދާޅުވި އެވެ.

"އެޗްޕީއޭ ސިޔާސީ ނުފޫޒުން އެއް ފަރާތްވެ ރައްޔިތުންނަށް ހެޔޮ އެދެން އެބަޖެހޭ... ދެކޮޅު ޖެހޭ އެއްވެސް ކަމެއް ނުކުރޭ. ހަމަ ބުއްދިއަށް ތިލަކޮށް ވިސްނާލިޔަސް މިހާރު އަޅާ ފިޔަވަޅުތަކުން ނުކުންނާނެ ނަތީޖާއެއް ނުވިސްނޭ،" މެންބަރު ހުސައިން ވިދާޅުވި އެވެ.

ހުސައިން މުހައްމަދު ލަތީފުގެ ޓުވީޓް

އެޗްޕީއޭގެ ނިންމުމާމެދު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ. އޭނާ ވިދާޅުވީ އެޗްޕީއޭގެ ބައެއް ނިންމުންތަކަކީ ރައްޔިތުންނަށް ޖެއްސުން ކުރަން ނިންމާ ނިންމުންތަކެއް ކަމަށް ހީވާ ކަމަށެވެ. އެފަދަ ނިންމުންތަކުން އެތައް ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް ލިބިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު އެބަހީވޭ އެޗްޕީއޭއިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަންހެން ވެސް. މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށް ވާނެ ކަމެއް. މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް،" އުޝާމް ވިދާޅުވި އެވެ.