އަބްދުއްރަހީމް އަބްދުﷲ

"އެއްކަމެއް ވެސް މެނޭޖެއް ނުކުރެވުނު"

މި ސަރުކާރަށް ގައުމާއި ކޮވިޑްގެ ކަންކަން ވެސް މެނޭޖް ނުކުރެވުނު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމުން އިިދިކޮޅު ލީޑް ކުރައްވަނީ ވެސް އޭނާ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދާއިރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުން ބަލި ކޮންޓްރޯލް ކުރެވޭ ގޮތް އަދި ވަނީ ނުވެފަ އެވެ. އެކަމާއި ގުޅިގެން އިތުރު ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަށް ގައުމު މެނޭޖު ނުކުރެވުނު ކަމަށާ ކޮވިޑް ވެސް މެނޭޖު ނުކުރެވުނު ކަމަށެވެ. އަދި އިގްތިސޯދު ވެސް މެނޭޖު ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހަށް ގޮވާލައްވާ ކަމަށެވެ.

ގައުމު މެނޭޖެއް ނުކުރެވުނު. ކޮވިޑް މެނޭޖެއް ނުކުރެވުނު. އިގްތިސާދު މެނޭޖެއް ނުކުރެވުނު. ކުރާނެ ކަމެއް ހަދާނެ ގޮތެއް، ބުނާނެ ބަހެއް، އުޅޭނެ ގޮތެއް އަދި ކިއެއް ވާއެއް ނުވާއެއްވެސް ރައީސް ސޯލިހާއި ރައީސް ނަޝީދަކަށް ވަޒީރަކަށް ވެސް ނޭނގުނު،
އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ލީޑަރު

ކޮވިޑާ ގުޅިގެން ސަރުކާރުން ރޭ ވަނީ އަނެއްކާވެސް އިތުރު ފިޔަވަޅެއް އިއުލާނު ކޮށްފަ އެވެ. ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ރޭގަނޑު 8:00 އިން ފަތިހު 5:00 ފަހަކަށް މާލެ އާއި ވިލިމާލެ އާއު ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާވީ ކަމަށެވެ. އަދި މި ރެއިން ފެށިގެން އެކަން ތަންފީޒުކޮށް 1000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށާއި ރިޕީޓް ކުރާނަމަ ވެހިކަލް ޓޯ ކުރާނެ ކަމަށް ވެސް އޭނާ އިންޒާރު ކުރެއްވި އެވެ.

"އެކަން ތަންފީޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާއިރު ފުރަތަމަ ފަހަރުގައި ނަސޭހަތްތެރިވާނަން. ދެވަނަ ފަހަރަށް މަނާ ގަޑީގައި އެ ވެހިކަލް ޗެކް ކުރެވިއްޖެނަމަ ޖޫރިމަނާ ކުރާނަން. އަދި އެކަން ތަކުރާރުވާނަމަ އެ ވެހިކަލެއް އަޅުގަނޑުމެން ޓޯ ކުރާނަން. އޭގެ ފަހުގައި އެ އުޅަނދެއް ދޫކުރެވޭނީ ޖޫރިމަނާ ދެއްކުމަށް ފަހު،" ޝަރީފް ވިދާޅުވި އެވެ.

ސަރުކާރުގެ މި ނިންމުމަށް ވިޔަފާރިވެރިންނާއި އާންމުންވެސް ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.