އިގްތިސޯދު ދަށްވި ނަމަވެސް މިދިޔަ އަހަރު އެސްޓީއޯގެ ފައިދާއިން ހިއްސާ އަކަށް ޖެހޭ އަދަދު ދަށްނުވެ، އެއްވަރެއްގައި ހިފެހެއްޓިއްޖެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާއަކަށް 58 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މި ނިންމުމާއެކު އެ ކުންފުނީގެ ހިއްސާއަ ކަށް ޖެހޭ އަދަދު 58ރ. ގައި ހިފެހެއްޓިފައި އޮންނަތާ ދެ އަހަރުވީ އެވެ. އެސްޓީއޯ އިން 2018 ވަނަ އަހަރު ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 58ރ. އެވެ.
އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް އެކަނި ލިބުނު ސާފު ފައިދާ ވަނީ 95 ޕަސެންޓު އިތުރުވެފަ އެވެ.
މާލީ ރިޕޯޓުގައިވާ ގޮތުން، އެސްޓީއޯ ގްރޫޕް އެއްކޮށްލައިގެން ބަލާނަމަ ސާފު ފައިދާ އުޅެނީ 383 މިލިއަން ރުފިޔާގަ އެވެ. އަދި ވަކިން ބަލާނަމަ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު 14 މިލިއަން ރުފިޔާއާ އަޅާކިޔާނަމަ ގާތްގަނޑަކަށް 95 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެސްޓީއޯ އެކަނި 9.4 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އެސްޓީއޯ މުޅި ގްރޫޕުން ނުވަ ބިލިއަން ރުފިޔާގެ ވިޔަފާރި ކުރި އެވެ. އަދި މިދިޔަ އަހަރު އެސްޓީއޯ އެކަނި އަށް ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އެސްޓީއޯ އަށް މިދިޔަ އަހަރު ބޮޑު ސާފު ފައިދާއެއް ހޯދިފައިވަނީ ހިންގުމުގެ ހަރަދު ކުޑަކޮށްގެންނެވެ. މިދިޔަ އަހަރު ހިންގުމުގެ ހޭދަ އަށް ދެ ބިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް ކުރީ އަހަރު 15 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.
ރާއްޖެ އަށް ތެލާއި ބޭސް އެތެރެ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު، ހަވީރު 4:00 ގައި އެވެ. އެ ކުންފުނީގެ އޭޖީއެމް ބާއްވަނީ ވާޗުއަލްކޮށެވެ.