ހަބަރު

އޮޑި އޮޔާދާން ދޫކޮށް އުޅުއްވަނީ ބަދަލުހިފަން: ޖަމީލް

އޮޑި އޮޔާ ދާން ދޫކޮށްލައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވަނީ ބަދަލުހިފުމުގައި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ފާޑުވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން އައި މީޑިއާ ރިޕޯޓްތަކެއް ޝެއާކުރައްވާ ކުރައްވާ ޖަމީލް ވިދާޅުވީ ގޮތް ނުނިންމޭ ވެރިއަކީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުން ކަމަށާއި ގައުމުގެ އޮޑި އޮޔާދާން ދޫކޮށްލައްވާފައި ރައީސް އުޅުއްވަނީ ބަދަލުހިފުމުގައި ކަމަށެވެ.

ޖަމީލް ވިދާޅުވީ މިހާރު ފެންނަނީ ރައްޔިތުންނަށް ހިދުމަތް ނުދެވޭ ތަނުގައި އަމިއްލަ ޖީބުން ވައްކަންކުރާތަން ކަމަށާއި ލީޑަރެއް ނެތްކަމަށް ގަބޫލްކޮށް ކޮންމެ މީހަކު އަމިއްލައަށް އަށް ގޮތް ނިންމާތަން ކަމަށެވެ.

ހެލްތު މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ އެތަށް ވާހަކައެއް ފެންމަތިވެފައިވާއިރު، ދައުލަތުގެ ހަޒާނާ ލޫޓުވާލި މީހުން ކޮބާތޯ ވެސް އޭނ ސުވާލު ކުރައްވަ އެވެ.

"ހަޒާނާ ލޫޓުވާލި މީހުން މިއަދު ކޮބާ؟ ގޮތް ނިންމުން އެމީހުންވެސް އަމިއްލައަށްތޯ؟ ސަޅިބައިސާއިން ހާސިލްވީ ކޮންކަމެއް؟" ޖަމީލް ވިދާޅުވި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ އާ އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއްގައި ސަރުކާރުގެ އިސްވެރިންތަކެއްގެ އާއިލާ ބަޔަކު އުސޫލްތަކާއި ގަވާއިދުތަކާއި ހިލާފަށް ފަރުވާދެމުންދާ ކަމަށް ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ޖަމީލް ވިދާޅުވީ ތަފާތުކުރުން ވެސް މިވީ މޮޅުކަމަކަށް ކަމަށެވެ. އަދި ވިދާޅުވީ ބަލިވާ އާންމު މީހާއަށް ހިދުމަތް ނުލިބޭއިރު ބޮޑުންނަށް ވަކި ގޮތެއް ހަދަން ފޮތުގައި އޮންނަކަމަށް މިހާރު ވެފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރެފައިވާ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަ ކޮށްފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.