ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކޮރަޕްޝަން ނުބަލާ "ކަތިލަނީ" މުވައްޒަފުން: ޖަމީލް

އޮޑިޓް ރިޕޯޓުތަކުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިމެނޭއިރު ސަރުކާރުން އެންމެ ފުރިހަމައަށް އެ ކަންކަން ނުބަލާ، "ކަތިލަމުން" ދަނީ އާންމު މުވައްޒަފުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ހިންގި ހަރަދުތަކުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިމެނޭ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ހާމަވެ، ގިނަ މުވައްޒަފުންތަކެއް ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ކޮރަޕްޝަން ބެލުމަކީ އޭގެ މަންފާ ގޮސް ޖަމާވި ތަންތަން ހޯދުން ކަމަށެވެ. އަދި ބޯހިޔާވަހިކަން ގެއްލި މަގުމަތިވި ވަގުތު ތުހުމަތު ކުރެވޭ ވަޒީރުން އެތައް އެސެޓެއް ހޯދީ ކިހިނެއްތޯ ސަރުކާރުން ބަލަން ޖެހޭނެ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފާޑު ވިދާޅުވަމުން ޖަމީލް ވަނީ އެ ކޮމިޝަނަކީ ހަމައެކަނި ބަޔާން ނެރެން ތިބޭ ބައެއްތޯ ސުވާލު އުފައްދާފަ އެވެ. އަދި ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ހިންގި ކޮރަޕްޝަނުން ފުރުނު ވަޒީރުންގެ އާއިލާތަކުގެ އެކައުންޓްތައް ކޮބައިތޯ ވެސް ސުވާލު ކުރައްވާފައި ވެއެވެ.

މީގެ އިތުރަށް ޖަމީލް ވިދާޅުވީ ކުއްލިއަކަށް ދަރަނި ހަލާސްކޮށް އެސެޓްތައް ހޯދި ގޮތް ބުނެދޭން ޖެހޭނެ ކަމަށާއި ފުލުހުންނާއި އޭސީސީގެ ތަހްގީގުގެ ފޯކަސް އަކީ ގެއްލުނު ފައިސާ ހޯދުން ކަމަށެވެ. އަދި ބޮޑެތި ކޮރަޕްޝަން ހިންގުމުން ހަމައެކަނި މަގާމުން ދުރުކުރުމަކުން ނުފުދޭ ކަމަށާއި އެމީހުން ހައްޔަރު ނުކުރާތީ ވަނީ ކަންބޮޑުވުންފާލު ކޮށްފަ އެވެ.

އޭސީސީ ރިޕޯޓުން ދިން މެސެޖް ސާފުވާ ކަމަށާއި އެކަމަކު ނަތީޖާއެއް ނުފެނި "ކަތިލަމުން" ދަނީ އާންމު މުވައްޒަފުން ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާ އެ އޮޑިޓާ ގުޅޭ ގޮތުން އޮޑިޓަރު ޖެެނެރަލް އާންމު ކުރެއްވި ދެ ރިޕޯޓުގައި އެ ދެ މިނިސްޓްރީ ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ވަނީ ހާމަކޮށްފަ އެވެ. އަދި މި މައްސަލަ މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.