ބާސެލޯނާ

ބާސާގެ ބެންޗުގައި އިންނަން ޖެހުނަސް ހެޔޮ: ސުއަރޭޒް

އެފްސީ ބާސެލޯނަގައި ބެންޗުގައި ހުންނަން ޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އޭނާ ބޭނުން ވަނީ ބާސާއަށް ހިދުމަތް ކުރުމުގައި ދެމި ހުންނަން ކަމަށް އެ ޓީމުގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

ބާސެލޯނާގެ ކޯޗް ކަމާ ހަވާލުވި، ރޮނަލްޑް ކޫމަންގެ ޕްލޭންގައި ނުހިމެނޭތީ، ސުއަރޭޒް ވިއްކާލުމުގެ މަސައްކަތް ބާސާއިން ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. މިދިޔަ ސީޒަންގައި ހުސް އަތާ ނިންމާލަން ޖެހުމުން ސުއަރޭޒް އާއި ބާސެލޯނާގެ ޓީމަށް ވަނީ ފާޑު ކިޔުން އަމާޒު ވެފަ އެވެ. ބާސާގައި މިހާރު ސުއަރޭޒް 33، އަށް ދައުރެއް އަދާ ނުކުރެވޭނެ ކަމަށް ބުނަމުންދާ ވާހަކަތަކަށް ސުއަރޭޒް ވަނީ ޖަވާބު ދީފަ އެވެ.

އޭނާ ބުނީ، މިދިޔަ އަހަރު ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އަޔެކްސް އަތުން ރެއާލް މެޑްރިޑް ކަޓައިގެން ދިއުމުން އެ ޓީމުގެ މިޑްފީލްޑާ ޓޯނީ ކްރޫޒް އާއި ލުކަ މޮޑްރިޗްގެ ކެރިއާ މެޑްރިޑްގެ ޓީމުގައި ނިމިގެން ގޮސްފައިވާ ކަމަށް ވާހަކަ ދެކެވުނު ކަމަށެވެ.

"އޭރު ވާހަކަ ދެކެވުނު ސާޖިއޯ ރާމޯސް ވެސް ވީ ކުލަބަށް ބޭނުމެއް ނިހިފޭ މީހަކަށޭ، އެހެން ނަމަވެސް ޖެހިގެން އައި ސީޒަންގައި އެ ޓީމު ތަފާތު ދެއްކި އަދި ލެޖެންޑަރީ ޓީމެއް އެ ކުލަބުގައި ބިނާ ކުރި،" އޭނާއަށް ކުރިމަތި ވެފައިވާ ފާޑުކިޔުންތަކަށް ޖަވާބު ދެމުން ސުއަރޭޒް ވާހަކަ ދެއްކި އެވެ. "ބަލިވީމަ އަބަދު ވެސް އެންމެންނަށް އެއްޗެހި ކިޔާނެ، އެކަމަކު އެއީ އެކަން ވެގެންވާންވީ ގޮތެއް ނޫން، ވީއެންމެ އަވަހަކަށް ގަތް ނިންމާލުމަކީ އެއްވެސް ކަމެއްގައި ހައްލެއް ނޫން."

ސުއަރޭޒް ބުނީ، ބަޔާން އަތުން ބޮޑު ތަފާތަކުން ބާސާ ބަލި ވުމަކީ ބާސާގެ ވަރުގަދަކަން ނިމިގެން ދިއުން ނޫން ކަމަށެވެ. އަދި އަންނަ ސީޒަންގައި ވަރުގަދަ ކޮށް އެނބުރި ބާސާއަށް އާދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ. ސުއަރޭޒް ބުނީ ލިއޮނަލް މެސީގެ އެކުވެރިއެއްގެ ގޮތުގައި ހުރުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ. މެސީއާ އެކުގައި ކުޅުން އެއީ ވަގުތީ ކަމަކަށް ވިޔަސް އެކުވެރިކަން އެއި ދާއިމީ ކަމެއް ކަމަށް ސުއަރޭޒް ބުންޏެވެ. އޭނާ ބުނީ ބާސާއަށް ހިދުމަތް ކުރުމުގައި ދެމިހުރުމަކީ އަބަދުވެސް އޭނާ އެދޭ ގޮތް ކަމަށެވެ.

"ބަދަލު ކުޅުންތެރިޔެއްގެ ރޯލް އަދާ ކުރުމަކީ އަހަރެންގެ މުޅި ކެރިއަރުގައި އަހަރެން އެއްބަސްވެފައިވާ ކަމެއް،" ސުއަރޭޒް ބުންޏެވެ. "އަލުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ހުރުމަކީ އަހަންނަށް މައްސަލައެއް ނޫން، އެއް މަގާމަށް ކުޅުންތެރިންގެ މެދުގައި ވާދަ ވެރިކަން އޮތުމަކީ ރަނގަޅު ކަމެއް، އަހަރެން ފަށާނީ ބެންޗުން ކަމަށް ކޯޗް ނިންމުމަކީ އަހަންނަށް މައްސަލައެއް ނޫން."

ސުއަރޭޒް، ބުނީ ބާސާއިން އެދޭހާ ހިނދެއްގައި އެ ކުލަބުގައި ހުރުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށެވެ. ލިވަޕޫލްގައި ހަތަރު އަހަރު ހޭދަ ކުރުމަށް ފަހު ސުއަރޭޒް ބާސާއަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ. ލިވަޕޫލްގެ ކުރިން އޭނާ ވަނީ އަޔެކްސް އަށް ކުޅެފަ އެވެ.