ކެފޭ ރެސްޓޯރެންޓް

ދޮޅުގަޑިއިރު ޑެލިވަރީ ކުރެވޭނީ ފައިމަގުގައި

Aug 24, 2020
1

ރޭގަނޑު 9:30 ވަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާ ނަމަވެސް އަށެއްގެ ފަހުން ޑެލިވަރީ ކުރެވޭނީ ފައިމަގުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް އެއްގަމު އުޅަނދުތައް ނުދުއްވޭ ގޮތް ހެދުމުން ރެސްޓޯރަންޓްތަކުގެ އިސްވެރިން އިއްޔެ ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރޭގަނޑު 9:30 ހާ ހަމައަށް ވެހިކަލްގައި ޑެލިވަރީގެ ހިދުމަތް ދިނުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

އެކަމާއި ގުޅޭގޮތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އަށެއް ޖަހާއިރު ޑެލިވަރީ ހުއްޓާލަން ނުޖެހޭ ކަމަށެވެ. އެކަން ކުރަން ބޭނުންވާ ފަރާތްތަކަށް 9:30 ވަންދެން ފައިމަގުގައި ޑެލިވަރީ ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ޑެލިވަރީ ކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރަން ބޭނުންވެއްޖެނަމަ ފައިމަގުގައި އެކަން ކުރެވިދާނެ. އެހެން ނަމަވެސް ދުއްވާ އެއްޗެއްގައި އެކަން ކުރުމުގެ ހުއްދައެއް ނުދެވޭނެ އެއީ ވެހިކަލް ދުއްވުން މަނާ ގަޑިއަކަށްވާތީ،"

ޝަރީފް ވިދާޅުވީ ބައިސްކަލްގައި ޑެލިވަރީގެ ހިދުމަތް ދެވޭނެތޯވެސް ބައެއް މީހުން ސުވާލުކުރާ ކަމަށެވެ. ވެހިކަލް ދުއްވުން މަނާ ވަގުތު ބައިސްކަލްވެސް ނުދުއްވޭނެ ކަމަށާ ބައިސްކަލްގައި ޑެލިވަރީވެސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އައި ސުވާލެއް ބައިސްކަލްގައި ޑެލިވަރީ ކުރެވޭނެތޯ؟ ނޫން... ނުކުރެވޭނެ އިނގޭތޯ. އެއީވެސް ދުއްވާ އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން މާނަކުރާނީ. އެހެންވީމަ ބައިސްކަލް ދުއްވުންވެސް މަނާވާނެ އެ ގަޑީގައި، ޑެލިވަރީވެސް ނުކުރެވޭނެ ބައިސްކަލްގައި،" ޝަރީފް ވިދާޅުވިއެވެ.

އެޗްޕީއޭގެ ފިޔަވަޅުތަކާއި ގުޅިގެން ރެސްޓޯރަންޓްތަކުގެ އިސްވެރިންތައް ބުނީ މިހާރު ވެސް އިނދަޖެހިފައިވާ އެމީހުންގެ ވިޔަފާރި، މި ފިޔަވަޅުތަކުގެ ސަބަބުން އެއްކޮށް ހުއްޓުމަކަށް ދާނެ ކަމަށެވެ. އެހެން ކަމުން މިއީ އެއްވެސް ވަރަކަށް ހިތަހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި ސަރުކާރުން ވެސް ކުދި ވިޔަފާރިތަކަށް އެހީތެރި ނުވާއިރު މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެމީހުން ނިކަމެތިވެގެން ދާނެ ކަމަށެވެ.

ރެސްޓޯރެންޓް، ކެފޭ އަދި ހޮޓާ ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަން ތަމްސީލުކުރާ ޖަމްއިއްޔާ، ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ގިނަ ރެސްޓޯރަންޓްތައް ވަނީ ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިހާލަތާ ގުޅިގެން މިފަދަ ތަންތަނުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އެމްޑަބްލިއުއެސްސީގެ އެމްޑީ އާއި އަދި އެޗްޕީއޭގެ އިސްބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ރޭމް އިން ވަނީ ރެސްޓޯރަންޓްތަކުގެ ވެރިންގެ ކަންބޮޑުވުންތައް އެޗްޕީއޭ އާއި ހިއްސާކޮށްފަ އެވެ. އެގޮތުން މިހާރު ގިނަ ރެސްޓޯރަންޓްތައް ބަނގުރޫޓުވެ ބަންދުކުރާ ހިސާބަށް ގޮސްފައިވާއިރު މަނާ ގަޑިތަކުގައި ޑެލިވަރީ ކުރުމަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށެވެ. އަދި ކާފިއުގެ ގަޑިތަކުގައި ގަވާއިދާއި ހިލާފުވާން ބައެއް ފަރާތްތަކަށް މަޖުބޫރުވާ ކަމަށާއި މިގޮތަށް ބައެއް ފަރާތްތަކުން ލިޔުމެއްނެތި ވިޔަފާރި ކުރާކަމުގެ ޝަކުވާވެސް ލިބ ިފައިވާ ކަމަށް ބަޔާޏުގައި ބުނެފައިވެ އެވެ.

ރޭމް އިން އިތުރަށް ބުނެފައިވަނީ ގަވާއިދާ ހިލާފްވާ ތަންތަން ޖޫރިމަނާކުރުމަށް ކަނޑައަޅާފައިވާ އަދަދު ކުޑަކުރުމަށްވެސް އެޗްޕީއޭގައި އެދިފައިވާނޭ ކަމަށާއި އަދި ކެފޭ ރެސްޓޯީރަންޓް ފަދަ ތަންތަނުގެ ކުލި، ކަރަންޓު، ފެން އަދި މުވައްޒަފުންނަށް ހިނގާ ހަރަދުތަކަކީ ތަނަށް ލިބޭ އާމްދަނީން ކުރާ ހަރަދުތައްކަމުން ވިޔަފާރިކުރަން މިހާރު ކުޑަވަގުތުކޮޅެއް ލިބޭތީ ލިބޭ އާމްދަނީ އިން ގިނަ ތަންތަނުގައި ދެކޮޅު ނުޖެހޭ ކަން ހާމަކޮށް މިހާރަށްވުރެ ލަހުން ކެފޭ ރެސްޓޯރަންޓުް ބަންދު ކުރުމުގެ ހުއްދަ ދެވޭނެ ގޮތް ހަމަޖއްސައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.