އެޗްޕީއޭ

ކަރަންޓީނާ ހިލާފުވާ މީހުނަށް 5000 ގެ ޖޫރިމަނާއެއް

ކަރަންޓީން ވާން އަންގައިފައިވާ މީހަކު އެ އަމުރާ ހިލާފު ވެއްޖެނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ވަނީ އެކަހެރި ކުރުމުގެ މަޒުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދަށް ފުރަތަމަ އިސްލާހު ގެނެސް އެ ގަވާއިދު ގެޒެޓް ކޮށްފައެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކޮށްފައި ނުވަތަ އެކަހެރިކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެކަމަށް އިހުތިރާމްކޮށް އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން ކޮންމެ މީހަކު ވެސް ދޭންވާނެ ކަމަށެވެ.

އަދި އެއްބާރުލުން ދިނުމެއްނެތި ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނުކޮށްގެން ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފިނަމަ ނުވަތަ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލިން ރައްކައުތެރިކުރުމަށް ކުރެވޭ މަސައްކަތުގައި ގާއިމު ކުރެވޭ އެކަހެރި ކުރުމުގެ މަރުކަޒެއް ނުވަތަ ކަރަންޓީނުކުރުމުގެ މަރުކަޒެއް ހިންގުމަށް މީހަކު ހުރަސްއަޅައިފިނަމަ އެ ކުރަނީ ކުށެެއް ކަމަށެވެ.

އެގޮތުގެ މަތިން އެކަހެރިވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާ ކަރަންޓީނުވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 2500 ރުފިޔާއިން ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި ތިންވަނަ ފަހަރުން ފެށިގެން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެކަން ތަންފީޒު ކުރާނީ ފުލުހުންގެ އިދާރާއިން ކަމަށާ ފުލުހުންގެ ހިދުމަތް ނެތް ރަށްރަށުގައި ފިޔަވަޅުތައް އަޅަމުން ގެންދާނީ ކައުންސިލްތަކުން ކަމަށްވެސް ވަނީ ބުނެފައެވެ.