ޗެމްޕިއަންސް ލީގް

ހަ ވަނަ ފަހަރަށް ބަޔާން ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފި

ފައިނަލުގައި ޕީއެސްޖީގެ މައްޗަށް 1-0 މޮޅުވެ، ބަޔާން މިޔުނިކުން ހަ ވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފި އެވެ.

ބަޔާންގެ މި ކާމިޔާބާއެކު އެ ޓީމުގެ ކޯޗް، ހެންސްޑީޓާ ފްލިކް ވަނީ 2013 ގައި ބަޔާންގެ ކުރީގެ ކޯޗް ޔުޕް ހޭންކެސް ސީޒަންގެ ތިން ތަށި ހޯދައިގެން ހަދާފައިވާ ރެކޯޑާ ހަމަ ކޮށްފަ އެވެ.

ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގެ ބެންފީކާގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ބަޔާންގެ ލަނޑު ހޯޝުއާ ކިމްޗް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ކިންގްސްލީ ކޯމަން އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 59 ވަނަ މިނެޓްގަ އެވެ.

ޔުޕް ހޭންކެސް އާއެކު ތިން ތަށި ހޯދިއިރު، އެ ޓީމުގައި ހިމެނުނު ހަތަރު ކުޅުންތެރިން ބަޔާންގެ މިހާރުގެ ސްކޮޑްގައި ހިމެނެ އެވެ. މެނައުލް ނޯޔާ، ތޯމަސް މުލާ ޖްރޯމް ބޯޓެން އަދި ޑޭވިޑް އަލްބާ އަކީ އޭރު ބަޔާން ސްކޮޑުގައި ހިމެނުނު ކުޅުންތެރިންނެވެ.