ހަބަރު

ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ނަގަން ފުލުހުން ފަށައިފި

Jan 10, 2015

މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާއި ބޭނުން ނުކޮށް ގިނަ ދުވަސްވެފައިވާ އުޅަނދުތައް ފުލުހުން މިއަދު ނަގަން ފަށައިފި އެވެ.

ހައުސިން މިނިސްޓްރީއާ ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ފުލުހުން ގުޅިގެން އެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ފުލުހުންގެ ޓޯޔާޑުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ގަވާއިދާ ޚިލާފަށް ޕާކް ކުރާ އުޅަނދުތަކާއި ބޭނުން ނުކޮށް ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނަގަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެގޮތަށް އުޅަނދުތައް ނެގުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަށް ފުލުހުން ޒިންމާ ނުވާނެ ކަމަށާއި އުޅަނދު ނެގުމަށް ފަހު ޖޫރިމަނާ ފައިސާ ދެއްކުމާއި އަނބުރާ ގެންދިއުމުގެ ޚަރަދުތައް ވެސް ކުރަންޖެހޭނީ އުޅަނދެއްގެ ވެރި ފަރާތުން ކަމަށް ފުލުހުން ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކް ކުރާ ވެހިކަލްތައް ނަގަމުން ގެންގޮސްފައިވެ އެވެ. އޭރު އެގޮތަށް ނަގާ ވެހިކަލްތައް ދޫކުރަނީ ޖޫރިމަނާ ދެއްކުމުން ކަމަށް ވީ ނަމަވެސް ފަހުން އެކަން ވަނީ ހުއްޓާލައިފަ އެވެ. މިހާރު ގަވާއިދާ ޚިލާފަށް ޕާކް ކުރުމުން އަޅާ ފިޔަވަޅަކީ ސްޓިކާ ޖެހުމެވެ.