ވިޔަފާރި

ފައިސާ ދޫކުރާނީ ޕީއެސްއައިޕީ ޕޯޓަލުން ހުށަހެޅުމުން: ފިނޭންސް

Aug 24, 2020

ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ހުށަހަޅަން ހާއްސަ ޕޯޓަލެއް ހަދައި، އެ ޕޯޓަލު މެދުވެރިކޮށް ހުށަހެޅުމުން ނޫނީ ފައިސާ ދޫނުކުރާ ގޮތަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ދައުލަތުގެ އިދާރާތަކުން ހިންގަމުން ގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ފައިނޭންޝަލް މޮނީޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީއެސްއައިޕީ ޕޯޓަލްއެއް ލައިވްކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކާއި މި ނޫން ވެސް އެކި ގޮތްގޮތުން ދައުލަތާއެކު ކޮންޓްރެކްޓް ހެދިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ކޮންޓްރެކްޓްތަކުގެ މައުލޫމާތުތައް މި ޕޯޓަލަށް އަޅަމުން ގެންދަން ދައުލަތުގެ އެންމެހާ އިދާރާތަކަށް އަންގާ ކަމަށެވެ.

ފިނޭންސުން ވަނީ ދައުލަތާއެކު ކޮންޓްރެކްޓް ހަދައިގެން ކުރި އަށް ގެންދާ ހުރިހާ މަސައްކަތްތަކުގެ މައުލޫމާތު މި މަހުގެ 31 ގެ ނިޔަލަށް ބަނޑޭރި ޑޮޓްޖީއޯވީ އެމްވީ މެދުވެރިކޮށް ހުށަހަޅަން އެދިފަ އެވެ. އަދި މި މުއްދަތުގެ ފަހުން ފައިސާ ދޫކުރާނީ މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި އަހަރު ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 10 ބިލިއަން ރުފިޔާ ހާއްސަ ކުރި އެވެ. އަދި ކޮވިޑް-19 އައުމާ ހަމައަށް ތިން ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުން ދިޔަ އެވެ.