ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަރުވި މީހަކު ޕޮޒިޓިވްވެ ގުރައިދޫ މޮނިޓަރިން އަށް

މަސްވެރިކަމުގައި އުޅެނިކޮށް މިމަހުގެ 22 ވަނަ ދުވަހު މަރުވި މީހާ ކޮވިޑް -19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކ.ގުރައިދޫ މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.

ގުރައިދޫ ކައުންސިލް ރައީސް ހުސައިން ޔާމީން މުހައްމަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހު ފ.ބިލެތްދޫ ރާސްތާދޯނިން ނިޔާވެގެން އެ ރަށަށް ގެނެވުނު ފަރާތް ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާކަމަށް އެޗް.ޕީ.އޭ އިން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ނިމެންދެން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ އެމީހާ ގެނައި ދޯނި ކައިރިއަށް ފުދޭ ވަރަކަށް ގިނަ މީހުން ދިޔަ ކަމަށާއި އަދި ފުލުހުންގެ ފޮރެންސިކް ޓީމުގެ އެދުމުގެ މަތިން ރަށު ސިއްހީ މަރުކަޒަށް އެމީހާގެ ހަށިގަނޑު ގެންދެވުނު ކަމަށެވެ. އެކަމަކު ހަށިގަނޑު މަަރުކަޒަށް ގެންދަން އެޓެންޑްވި ހުރިހާ އެންމެންވެސް ތިބީ ޕީޕީއީ ކިޓުގައި ކަމަށެވެ.

މަހަށް ގޮސް އުޅެނިކޮށް އެމީހާގެ ހާލު ދެރަވެފައިވަނީ އެމީހާ ކާން އިންދައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އިތުރު ފަރުވާ އަށް ގުރައިދުއަށް ގެންދިޔުމުގެ ކުރިން އެމީހާ ވަނީ މަރުވެފަ އެވެ.

ޔާމީން ވިދާޅުވީ އެމީހާ ޕޮޒިޓިވް ވި ކަން އަންގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި އޭރު ފުރަތަމަ ސެޝަން އަށް ކުދިން ސްކޫލަށް ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން މިއަދު މެންދުރުފަހުން ފެށިގެން ދެތިން ދުވަހަށް ސްކޫލް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޒަރޫރީ ބޭނުމެއް ނެތި ރަށުތެރޭގައި ނޫޅުމަށާއި ބޭރަށް ނިކުންނަ ނަމަ މާސްކް އަޅައިގެން ނިކުތުމަށް ޔާމީން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.