ހަބަރު

ބައިނަލްއަގުވާމީ ތިން މުއާހަދާ އެއް ތަސްދީގު ކުރަން ފާސްކޮށްފި

Aug 24, 2020

ރާއްޖޭގައި ބައިނަލްއަގުވާމީ ތިން މުއާހަދާއެއް ތަސްދީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މިއަދުގެ ޖަލްސާގައި ރާއްޖޭގައި ތަސްދީގު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކަވަނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު) އާއި ފްރޭމްވާކް އެގްރިމަންޓް ފޮ އެސްޓަބްލިޝިންގް އިންޓަނޭޝަނަލް ސޯލާ އެލައިންސްގެ އިތުރުން އިންޓަރނޭޝަނަލް ކޮންވެންޝަން ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ) އެވެ.

އޯޕީއައިސީއީއެސްސީއާރު ތަސްދީގު ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ސިޓީގައި ވަނީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް އޯޕީއައިސީއީއެސްސީއާރު އާއި ފްރޭމްވަރކް އެގްރިމަންޓް ފޮ އެސްޓަބްލިޝިންގް އިންޓަނޭޝަނަލް ސޯލާ އެލައިންސް ތަސްދީގުކުރުމަށް ފެންނަކަމަށް ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އދ އިން 1966 ވަނަ އަހަރު އޯޕީއައިސީއީއެސްސީއާރު އެކުލަވާލާފައިވަނީ، 1948 ވަނަ އަހަރު އެ ޖަމިއްޔާއިން އިއުލާން ކުރި އިންސާނީ ހައްގުތަކާބެހޭ އާއްމު ގަރާރު ނުވަތަ ޔުނިވާސަލް ޑެކްލެރޭޝަން އޮންހިއުމަން ރައިޓްސް (ޔޫޑީއެޗްއާރު) ގައިވާ އިގުތިސޯދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތައް ތަންފީޒު ކުރެވޭނެ މުއާހަދާއެއް އެކުލަވާލުމުގެ މަގްސަދު ގަ އެވެ.

ރާއްޖޭން މި މުޢާހަދާގައި ސޮއިކޮށް، ތަޞްދީޤު ކޮށްފައިވަނީ 2006 ވަނަ އަހަރެވެ. އެގޮތުން އައިސީއީއެސްސީއާރު ދަށުން ކަށަވަރުކޮށްދޭ އިގުތިސޯދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ގުޅޭގޮތުން ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދެ އެވެ.

ސޯލާ އެލައިންސެއް އުފެއްދުމުގެ ފައުންޑިން މެންބަރެއްގެ ގޮތުގައި ރައީސްހެ ހުއްދައާއި އެކު ރާއްޖެއިން ބައިވެރިވިއެވެ.

މި އެލަޔަންސްގެ ފުރިހަމަ މެންބަރަކަށް ރާއްޖެ ވުމަށްޓަކައި ރާއްޖޭގެ ފަރާތުން 10 އޭޕްރީލް 2015 ގައި ރާއްޖެ ވަނީ ސޮއިކޮށްފަ އެވެ. އަދި އެ ފްރޭމްވޯކް އެއްބަސްވުން ތަސްދީގު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ވަނީ 27 ފެބްރުއަރީ 2019 ގައި ރުހުން ދީ، 30 އޭޕްރީލް 2009 ގައި ރައީސުލްސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފަ އެވެ.

އަދި މި ފްރޭމްވާކް އެގްރިމަންޓަށް ބައެއް އިސްލާހުތައް ގެނެސް، އެ އެގްރިމަންޓުގައި އދ ގެ އެންމެހައި މެންބަރު ގައުމުތަކަކަށް ބައިވެރިވެވޭގޮތަށް މިހާރު އިސްލާހު ކޮށްފައިވާތީ، މި ފްރޭމްވާކް އެގްރިމަންޓު އަލުން ތަސްދީގު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އަލުން ހުށަހަޅައި މި އެގްރިމަންޓަށް ގެނެވިފައިވާ އިސްލާހުތައް ހިމެނޭ ގޮތަށް ރުހުން ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން 1 ޑިސެންބަރު 2019 ގައި ވަނީ ލަފާދީފައެވެ.

ސީއީޑީ ތަސްދީގު ކުރުމާއި ގުޅިގެން މަޖިލީހުގެ ލަފަޔަކަށް ފޮނުވަމުން ރައީސް އޮފީހުން ބުނީ މި މުއާހަދާ ތަސްދީގުކޮށް، މުއާހަދާގައި ހިމެނޭ ކަންކަން ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ހިމެނުމުން ' އެންފޯސްޑް ޑިސްއެޕިއަރެންސް' ގެ އަމަލެއް މުސްތަގުބަލުގައި ހިންގާ ހާލަތެއްގައި ވެސް ތަހުގީގީ އިދާރާތަކުން ހާއްސަ އިޖުރާއަތުތަށް ސާފުވެ، އެ އަމަލުގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ބަދަލު ލިބިދެވޭނެ އިންތިޒާމެއް ގާއިމުވެގެންދާނެ ކަމަށެވެ.

މިތިން މުއާހަދާވެސް ތަސްދީގު ކުރުމަށް މިއަދު ރުހުންދީފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.