ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަނެ މަގުމަތި ކުރަމުންދާ ދިއުމަށް ރައްޔިތުން ޖަވާބުދޭނެ ދުވަސް އަންނާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ މަޝްރޫއުގެ ފްލެޓްތައް ނުނިމި ދިގުލައިގެން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މި ސަރުކާރުން ގެންދަނީ ފްލެޓްތަކާއި ގުޅިގެން ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.
މިއަދުވެސް ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި ގުޅޭގޮތުން މިނިސްޓަރު އަސްލަމް ވަނީ ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފައެވެ.
ހިޔާ ބޮޑު މަޝްރޫއު ކުރިއަށް ގެންދެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުން ގެންދަނީ ކޮވިޑް މެނޭޖް ކުރުމުގައިވާ އިހުމާލާއި ހިޔާނާތާއި ހިންގި އަދި ހިންގަމުންދާ ކޮރަޕްޝަނާއި ވައްކަމުގައި މަތިޖަހާ ފޯކަސް އަނބުރާލުމުގެ ބޭނުމުގައި ކަމަށެވެ.
"ކޮވިޑް މެނޭޖު ކުރުމުގައިވާ އިހުމާލާއި ހިޔާނާތައި ހިންގި އަދި ހިންގަމުންދާ ކޮރަޕްޝަނާއި ވައްކަމުގައި 'މަތިޖަހާ' ފޯކަސް އަނބުރާލުމަށްޓަކާ އެތަށްހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަނެ، މަގުމަތި ކުރަމުންދާ ދިއުމަށް ރައްޔިތުން ޖަވާބުދޭނެ ދުވަސް އަންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއުގެ H8, H5, H4 އަދި H10 ކެޓަގަރީ އަށް ކުރިމަތިލާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު ޝަރުތު ފުރިހަމަވާ މީހުންގެ ލިސްޓާއި ޝަރުތު ފުރިހަމަ ނުވާ މީހުންގެ ވަގުތީ ލިސްޓެއް މިއަދު ވަނީ އާންމުކޮށްފައެވެ.
އެގޮތުން ހިޔާ ފްލެޓް ލިބޭނެ ކަމަށް ކުރިން ލިޔުން ދީފައިވާ 111 މީހެއްގެ ނަން ވަނީ އުނިކޮށްފައެވެ.
ފްލެޓް ދޭން ކުރީ ސަރުކާރުން ލިޔުން ދީފައިވާ މީހުންގެ ތެރޭގައި އަމީން އެވެނިއު އާއި ޕްލެޓިނަމް ރެސިޑެންސްގައި އަމިއްލަ ފްލެޓް ހުރި މީހުންވެސް ހިމެނޭ ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.