ބާސެލޯނާ

ކޫމަންގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭކަން އަންގައިފި

އެފްސީ ބާސެލޯނާގެ އާ ކޯޗް، ރޮނަލްޑް ކޫމަންގެ ޕްލޭންގައި ބާސާގެ ފޯވަޑް ލުއިސް ސުއަރޭޒް ނުހިމެނޭ ކަމަށް އަންގައިފި އެވެ.

ކެޓަލޯނިއާގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ 'ރޭއޭސީ 1' ން މިއަދު ހެނދުނު ރިޕޯޓް ކޮށްފައި ވަނީ، ސުއަރޭޒް އަށް ގުޅައި އަންނަ ސީޒަންގައި ބާސާގެ ޕްލޭންގައި އޭނާ ނުހިމެނޭ ކަމަށް ކޫމަން ސުއަރޭޒްއަށް އެންގި ކަމަށެވެ.

ސުއަރޭޒް،33 ގެ ފިޓްނަސް އާ މެދު މިދިޔަ ސީޒަންގައިވެސް ސުވާލު އުފެދުނެވެ. މިދިޔަ ހޮނިހިރު ދުވަހު ސުއަރޭޒް ބުނެފައި ވަނީ ބާސާގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ހުންނަން ޖެހުނަސް އޭނާ އަށް އެންމެ ރަނގަޅު ކަމަށެވެ.

"ބަދަލު ކުޅުންތެރިޔެއްގެ ރޯލް އަދާ ކުރުމަކީ އަހަރެންގެ މުޅި ކެރިއަރުގައި އަހަރެން އެއްބަސްވެފައިވާ ކަމެއް،" ސުއަރޭޒް ބުންޏެވެ. "އަލުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ހުރުމަކީ އަހަންނަށް މައްސަލައެއް ނޫން، އެއް މަގާމަށް ކުޅުންތެރިންގެ މެދުގައި ވާދަ ވެރިކަން އޮތުމަކީ ރަނގަޅު ކަމެއް، އަހަރެން ފަށާނީ ބެންޗުން ކަމަށް ކޯޗް ނިންމުމަކީ އަހަންނަށް މައްސަލައެއް ނޫން."

ކުރިން އަޔެކެސް އަށް ކުޅުނު ސުއަރޭޒް އަލުން އެ ޓީމަށް ގެންދަން އަޔެކްސްއިން މިހާރު ޝައުގުވެރިކަން ގެންގުޅެ އެވެ. ކޫމަން ވަނީ، މެސީ އާ ވާހަކަ ދައްކައި އޭނާ ޓީމުގައި މަޑު ކުރުމަށް ބާރު އަޅައި ވާހަކަ ދައްކާފަ އެވެ. ކޫމަން ބުނީ މެސީގެ ކޮލިޓީ ހުރި ކުޅުންތެރިޔަކީ ޓީމުގެ ޑިވްލަޕްމެންޓަށް ވަރަށް ބޮޑަށް ބޭނުން ހިފޭނެ ކުޅުންތެރިޔެއް ކަމަށެވެ.