ކުޅިވަރު

ޕިރްލޯއަށް އެންމެ މޮޅު ކޯޗަށް ވެވޭނެ: އެޖެންޓް

ކުޅުންތެރިޔެއްގެ ގޮތުގައި އަންޑްރެއާ ޕިރްލޯ ކުޅުނު ގޭމް ކޯޗެއްގެ ގޮތުގައި ތަންފީޒު ކުރެވިއްޖެ ނަމަ، ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗަށް ޕިރްލޯއަށް ވެވޭނެ ކަމަށް އޭނާގެ އެޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން، ޔުންޓަސް ކަޓައިގެން ދިއުމުން، އެ ޓީމުގެ ކޯޗް މަގާމުގައި ހުރި މައުރީޒިއޯ ސާރީ ވަކިކޮށް، ޓީމުގެ 23 އަހަރުން ދަށުގެ ޓީމުގައި ހުރި ޕިރްލޯ ސީނިއާ ޓީމުގެ ކޯޗް ކަމަށް ހަމަޖެއްސި އެވެ. މީގެ ކުރިން އެއްވެސް ލެވަލެއްގެ އެއްވެސް މެޗެއްގައި ޕިރްލޯ ކޯޗް ކޮށްދީފަ އެއް ނުވެ އެވެ. ސީނިއާ ޓީމުގެ ކޯޗް ކަމަށް އޭނާ ޕްރަމޯޓް ކުރީ 23 އަހަރުން ދަށުގެ ޓީމާ ހަވާލުވިތާ 10 ދުވަސް ފަހުންނެވެ.

ރައިއޯލާ ބުނީ، ޔުވަެންޓަސްގެ ސީނިއާ ޓީމުގެ ކޯޗް ކަމާ ޕިރްލާ ހަވާލު ވުމަކީ އުފާވެރިކަން ގެނެސްދިން ހައިރާން ކުރުވަނިވި ނިންމުމެއް ކަމަށެވެ. އަދި ޕިރްލޯގެ ފިލޯސަފީ ތަންފީޒު ކޮށްފިނަމަ ގާޑިއޯލާގެ ޕޮޕިލާރިޓީ ފަނޑު ކޯށްލެވޭނެ ކަމަށް ޕިރްލޯގެ އެޖެންޓް ބުންޏެވެ.

"މި ޓީމު [ޔުވެންޓަސް] ގެ ކޯޗަކަށް އެންމެ އެކަށީގެންވާ މީހަކީ އޭނާ [ޕިރްލޯ] ތޯ ބުނާކަށް އަހަންނަކަށް ނޭންގެ،" ރައިއޯލާ ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް އޭނާ (ކުޅުންތެރިޔެއްގެ ގޮތުގައި) ކުޅުނު ގޮތަށް އެ ޓީމު ކުޅުވައިފިނަމަ ޕެޕް ގާޑިއޯލާ މަޑުމަޑުން ފަނޑުވާން ފަށާނެ."

ރައިއޯލާ ވަނީ، އޭނާގެ އެހެން ކްލައިންޓެއް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ މިފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި ޕޮގްބާއަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް ޔުނައިޓެޑުން ބަލައި ނުގަންނާނެ ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑްގައި އެބައޮތް ޕްރޮޖެކްޓެއް އެ ޕްރޮޖެކްޓްގެ 100 ޕަސަންޓް ބިނާވާނެ ކުޅުންތެރިޔަކީ ޕަޮގްބާ، ޕޮގްބާއަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމެއް ބަލައި ގަންނާކަށް ޔުނައިޓެޑް ބޭނުންމެއް ނޫން." ރައިއޮޅާ ބުންޏެވެ.

ރައިއޯލާގެ ކްލައިންޓުންގެ ތެރެއިން ޓްރާންސްފާ އާ މެދު އެންމެ ބޮޑަށް ވާޙަކަ ދެކެވޭ އަނެއް ކުޅުންތެރިޔަކީ ޔުވެންޓަސްގެ މީޑްފީލްޑާ ފެޑެރީކޯ ބާނެޑެސްކީ އެވެ. ޔުވެންޓަސްއިން ބޭނުންވާ ޕޮގްބާ ނުވަތަ ނަޕޯލީގެ އަރުކާޑިއުޒް މިލިކް ގެންނަ ޓްރާންސްފާ ޑީލްގައި ބާނެޑެސްކީ ހިމަނަން ޔުވެންޓަސްއިން ބޭނުން ވެއެވެ. ރައިއޯލާ ބުނީ ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ ޔުވެންޓަސްގައި ބާނެޑެސްކީ ހުންނާނެ ކަމަށެވެ.