އިންޑިއާގެ މަހާރާޝްތުރާގެ ރައިގަދު އަވަށުގައި ފަސް ބުރީގެ އިމާރާތެއް ވެއްޓިއްޖެ އެވެ. ހާދިސާއަށް ފަހު މިހާތަނަށް 12 މީހަކު އިމާރާތުގެ ތެރެއިން ނެރެ ސަލާމަތް ކޮށްފައިވާއިރު ކުޑަކުދިން ވެސް ހިމެނޭ ގޮތަަށް ގިނަ ބަޔަކު ޒަހަމްވެ އެތަައް ބަޔަކު އިމާރާތުގެ ބައިތަކުގެ ތެރޭގައި ތާށިވެފައި ވެއެވެ.
މިއީ ވަރަށް ވިއްސާރަ މޫސުމަކަށްވާއިރު ވެސް ރެސްކިއު ޓީމުތަކުން ވަނީ މީހުން އިމާރާތުގެ ތެރެއިން ނެރެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
"އަހަރެމެންނަށް ހީވަނީ 70 ވަރަކަށް މީހުން އިމާރާތުގެ ހަލާކުވެފައިވާ ބައިތަކުގެތެރޭގައި އަދިވެސް ތާށިވެފައި ވާނެ ކަމަށް." އެ ސަރަހައްދުގެ ފުލުހުންގެ ވެރިއާ އަނިލް ޕަރަސްކަރު ހޯމަ ދުވަހު ވިދާޅުވި އެވެ.
މި އިމާރާތުގައި 47 ފްލެޓް ހުރި ކަމަށް ފުލުހުން ބުނެ އެވެ. އަދި މީހުން ސަލާމަތް ކުރުމުގެ ޓީމްތައް އިމާރާތުގެ ސަރަހައްދަށް ފޮނުވާފައި ވާކަމަށް އިންޑިއާގެ ނެޝަނަލް ޑިސާސްޓާ ރެސްޕޯންސް ފޯސްއިން ބުނެފައި ވެއެވެ. ޓީވީ ފުޓޭޖްއިން ފެންނަ ގޮތުގައި ފުލުހުންނާއި އެ ސަރަހައްދުގެ އާންމުން ދަނީ ވެއްޓިފައިވާ އިމާރާތުގެ ޝީޓުތަކުގެތެރޭގައި ދިރި ހުރި މީހެއް ހިލަމެއް ވޭތޯ މަސައްކަތް ކުރަމުންނެވެ .
ވެއްޓުނު އިމާރާތް ހަދާފައި ވަނީ ވަރަށް ބަލިކަށި ފައުންޑޭޝަންއެއް އަޅައިގެން ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އިމާރާތް ބިނާ ކުރިތާ އަދި މިވީ 10 އަހަރެވެ.
މަހާރާސްތުރާގެ ޗީފް މިނިސްޓަރުގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ ވެއްޓުނު އިމާރާތުގެ ސަރަހައްދުގެ އޮފިޝަލުންނާއި ޗީފް މިނިސްޓަރު ގުޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސް ސްޕީޑެއްގައި ގެންދަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
އިމާރާތް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އިމާރާތް ވެއްޓުމުގެ ހާދިސާތަކަކީ އިންޑިއާގައި ވަރަށް އާންމު ކަމެކެވެ. ޢާންމުކޮށް އިމާރާތްތައް ވެއްޓެނީ ފެންވަރު ދައްކޮށް އިމާރާތް ކުރުމާއި އިމާރާތް ކުރުމަށް ފެންވަރުދެރަ ތަކެތި ބޭނުން ކުރުމާއި އަދި އިމާރާތްކުރުމުގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި ފަރުވާ ކުޑަވެގެނެވެ.
އިންޑިއާގައި މިފަދަ ގިނަ ހާދިސާތައް ހިނގަނީ ޖޫން އާއި ސެޕްޓެމްބަރު އާއި ދެމެދުގަ އެވެ. އެއީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ދުވަސްވަރެވެ. މިދުވަސްވަރު ގިނަބަޔަކު ތަފާތު ހާދިސާތަކުގައި މަރުވުމާއި ފެންބޮޑުވުމާއި އިމާރާތްތައް ވެއްޓުން ފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގަ އެވެ.
އޭއެޕްޕީން ބުނިގޮތުގައި ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިއަހަރު 1200 މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި އިންޑިއާގެ 800 މީހުން ހިމެނެއެވެ.