ކުރީގެ ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްވެސް ވަނީ އޮޅުވާލައްވާ މަކަރު ހައްދަވާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު، އެމަނިކުފާނުގެ ޒަމާންވީ ސިޔާސީ ވާދަވެރިޔާއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ނަޝީދު ވަކާލާތު ކުރައްވަމުން ވަޑައިގަންނަވަނިކޮށް ދިވެހިރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށް ރައީސް މައުމޫން މިރޭ ވިދާޅުވުމާއި ގުޅިގެންނެވެ.
މައުމޫނަށް އަމާޒުކޮށް ނަޝީދު ކުރިންވެސް ކުރައްވާ ތުހުމަތު ތަކުރާރުކުރައްވާ ވިދާޅުވީ މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްވެސް ވަނީ އޮޅުވާލައްވާ މަކަރު ހައްދަވާފައި ކަމަށެވެ. 2007 ވަަ އަހަރުގެ ނިޒާމު ވޯޓްވެސް ކަނޑައެޅިގެން އޮޅުވާލާފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
"މަނިކުފާނަށް އޮޅުވާ ނުލެއްވެނީ ހަމައެކަނި 2008 ގެ ވޯޓް. އެއިން ވީ ބަލި،" ވެރިކަން ލިބިވަޑައިގެންނެވި އިންތިހާބަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށައަޅުއްވާފައެވެ.
ރައީސް މައުމޫން މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަގުލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން،" މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަށް ސަރުކާރުގައި އެމަނިކުފާނު ވަރަށް ބޮޑަށް ދަނީ އެދެމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.
ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ މަޝްވަރާތަކަކަށްފަހު، ގާނޫނު އަސާސީ އެކުލަވާލީ، ވެރިކަން ކުރާ ނިޒާމަކާމެދު ސީދާ ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން، އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބަރުލަމާނީ، ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. ކުރިން އޮތީ ރައްޔިތުން ގޮތަކަށް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.