ދުނިޔެ

ގައްޒާފީ އަށް ފަހު ލީބިޔާއަށް ހަމަޖެހުން ގެނެވިދާނެ ކަމުގެ އުންމީދެއް

ލީބިޔާގައި އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް އދ. އަށް ފެންނަ އުސޫލުތައް ހުށަހަޅާފައި މި ވަނީ އެތައް މަހަކަށް ދިގު ދެމިގެން ދިޔަ މަޝްވަރާގެ އުނދަގޫ މަރުހަލާ އަކަށް ފަހުއެވެ.

2014 ވަނަ އަހަރުއްސުރެ ލީބިޔާ އޮތީ ދެ ސަރުކާރަކަށް ބެހިފައެވެ. ޓްރިޕޯލީގައި އޮތީ ހަރުކަށި ފިކުރުގެ މީހުންގެ ވެރިކަމެވެ. އެ ގައުމުގެ އިރުމަތީގައި އޮތީ ބައިނަލްއަގްވާމީ މުޖްތަމައު ބަލައިގަންނަ ސަރުކާރެވެ.

އދ. އިން ވަނީ ލީބިޔާގެ ބޮޑުވަޒީރު ކަމަށާއި ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކަށް އިސް ކުރާނެ ފަރާތްތަކެއްގެ ނަންތައް ހުށަހަޅާފައެވެ.
އދ. އިން ބުނީ ހަމަނުޖެހުންތަކުގައި ލީބިޔާގެ އެތައް ބަޔަކު މަރުވެފައި ވާއިރު، ދެ މިލިއަނަށްވުރެ ގިނަ މީހުން ތިބީ އިންސާނީ އެހީތެރިކަމަށް ބޭނުން ވެފައި ކަމަށެވެ. އަދި އެއްބައިވަންތަ ކަމުގެ ސަރުކާރެއް ވުޖޫދަށް ގެނައުން ދިގުދެމިގެން ގޮސްފައިވާތީ ހަމަނުޖެހުންތަކުގައި ގެއްލުން ލިބުނު ފަރާތްތަކުގެ ކިބައިން މާފަށް އެދޭ ކަމަށާއި އަދި އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމުގައި އާވެފައި މިވާ އުންމީދާއި މެދު އުފާކުރާ ކަމަށެވެ.

ލީބިޔާގެ ކުރީގެ ރައީށް މުއައްމަރުލް ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނައީއްސުރެ މިއަދާ ހަމައަށްވެސް ލީބިޔާ އޮތީ ހަމަނުޖެހުމުގެ ތެރޭގައެވެ.