ދުނިޔެ

ރޯވެފައިވާ ޖަންގަލީގެ އަލިފާން ނިއްވަން އިންޑޮނޭޝިޔާއިން އެހީއަށް އެދެފި

އިންޑޮނޭޝިޔާއާއި އެ ސަރަހައްދުގެ ގައުމުތަކުގައި ދުން ބޯވަމުން ދާއިރު، ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން އިންޑޮނޭޝިޔާގެ ރައީސް ބޭރުގެ އެހީއަށް އެދެފިއެވެ.

ކުރިން ސިނގަޕޫރުން އެހީވެދިނުމަށް ހުށަހެޅުމުން އިންޑޮނޭޝިޔާއިން ވަނީ އެކަމަށް ފުރަގަސްދީފައެވެ. އެކަމަކު މިހާރު ސިންގްޕޫރުގެ އެހީއަށް އިންޑޮނޭޝިޔާއިން ވަނީ އާބަސް ބުނެފައެވެ. އަދި މެލޭޝިޔާއާއި ރަޝިޔާގެ އެހީވެސް ބޭނުން ކަމަށް ވަނީ ބުނެފައެވެ.

އިންޑޮނޭޝިޔާއިން ބުނީ ފަނަރަ ވަރަކަށް ޓަނުގެ ފެން އުފުލޭވަރުގެ މަތިންދާބޯޓު ބޭނުންވާ ކަމަށާއި އެގައުމުގެ އަތުގައި ހުރީ ދެތިން ޓަނު އުފުލޭ ވަރުގެ ބޯޓު ކަމަށެވެ.

ޖަންގަލީގައި މިގޮތަށް ރޯވަނީ ދަނޑުވެރިކަން ކުރާ ކުންފުނިތަކުން ޖަންގަލި ސާފުކުރުމަށް ރޯކުރާ އަލިފާންގަނޑުތައް ފެތުރި ކޮންޓްރޯލުން ނެއްޓުމުންނެވެ. މިކަމާ ގުޅިގެން އިންޑޮނޭޝިޔާގެ އިތުރުން މެލޭޝިޔާ، ސިންގަޕޫރު އަދި ތައިލޭންޑުގެ މައި ނުރައްކާ މިންވަރަށް ނުސާފުވެފައި ވެއެވެ. އަދި ދުން އެންމެ ބޯވާ ދުވަސްވަރު ސްކޫލްތައް ވެސް ބަންދުކުރަން ޖެހުނެވެ.