ހަބަރު

ކަލްޗަރަލް ރައިޓްސް އަށް ވޯޓުލުން މަޑުޖައްސާލަން އެދެފި

އިންސާނީ ހައްގުތަކާއި ކަލްޗަރަލް ރައިޓްސް ރައްކާތެރިކުރުމުގެ ނަމުގައި ހިންގާ ބައިނަލްއަގްވާމީ މުއާހަދާގައި ބައިވެރިވާން ވޯޓު ނުލައި މަޑުޖައްސާލުމަށް އެދި މަދަނީ ޖަމިއްޔާތަށް ހިމެނޭ ރައްޔިތުންގެ އިއްތިހާދުން ރައްޔިތުންގެ މަޖްލީހަށް ސިޓީ ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެޑްރެސް ކުރައްވާ ފޮނުއްވި މިސިޓީގައި ބުނެފައިވާ ގޮތުގައި މި ސަރުކާރުން މިއަހަރުގެ ޖޫން މަހުގެ ވަޒީރުންގެ މަޖިލީހުން ރުހުން ދިނުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް އެދި ފޮނުވާފައިވާ އޯ.ޕީ-އައި.ސީ.އީ.އެސް.ސީ.ރާ މުއާހަދާއަކީ އިހްތިޔާރީ މުއާހަދާއެއް ކަމަށާއި، ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި އަވަސް އަރުވާލައިގެން މި މުއާހަދާގައި ބައިވެރިވުމަށް މަސައްކަތް ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

ސަރުކާރުން މި މުއާހަދާގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމި އިރު އެ މުއާހަދާއާ ބެހޭގޮތުން އާންމުންގެ މެދުގައި އެކަށީގެންވާ ވަރަށް ހޭލުންތެރިކަން އުފައްދައި އަދި ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކުގެ ވިސްނުން ހުރިގޮތް ބެލުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައިވެސް ނުވާ ކަމަށްވެސް މި ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ.

"..ހަމައެއާއެކު، ކަލްޗަރަލް ކަންކަން ހިމާޔަތް ކުރުމުގެ ނަމުގައި ހިންގޭ ގިނަ ކަންކަމަކީ އިސްލާމް ދީނާ ހިލާފު އަދި ގައުމުތަކުގެ އަމިއްލަ ސަގާފަތުގެ މައްޗަށް ބޭރުގެ ފަރާތްތަކުގެ ގޮތްތަކާއި ވިސްނުން ފަތުރަން ބޭނުންކުރާ ނިވާފަތްގަނޑެއް ކަން ފެންނަން އެބައޮތެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި، އިސްލާމް ދީނަށާއި މާތް ނަބިއްޔާ އަށް ފުރައްސާރަކުރި އެމް.ޑީ.އެން އާއި އުތެމަ އާއި ފްރާންސްގެ "ފިދް" ކިޔާ ޖަމިއްޔާއިން 2019 ގެެ އޮކްޓޯބަރު ގައި ނެރެފައިވާ ޖޮއިންޓް ރިޕޯޓު ފުދެ އެވެ...." މި ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރަށް އެމް.ޑީ.އެން އާއި އުތެމަގެ މައްސަލަ ފުލުހުން ބަލަމުންދާ މިފަދަ ސެންސިޓިވް ދުވަސްވަރެއްގައި އެދެ ޖަމިއްޔާއިން ޕްރޮމޯޓުކުރާ ފަދަ އިސްލާމް ދީނާ ހިލާފު ކަލްޗަރަލް ފަލްސަފާއެއް ތަންފީޒު ކުރަން މަސައްކަތްކުރާ މުއާހަދާއެއްގައި ބައިވެރިވުމާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ވާހަކަ ދެއްކުމަށްޓަކައި ވަގުތު ދިނުމުގެ ގޮތުން އެމުއާހަދާއަށް ވޯޓުލުން މަޑުޖައްސައްލަދިނުމަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތަކުން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން ވަނީ އެދިފަ އެވެ.