ކުޅިވަރު

މެގުއާއަށް ގައުމީ ޓީމުގެ ޖާގަ ނުލިބުމުގެ ބިރު

ގްރީސްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔައިރު ފުލުހަކަށް ހަމަލާ ދީގެން ހައްޔަރު ކުރި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރި މެގުއާއަށް އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ނުލިބުމުގެ ބިރު ކުރިމަތިވެއްޖެ އެވެ.

ގްރީސްގެ މައިކޮނަސްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ މެގުއާ ވަނީ ފުލުހަކަށް ހަމަލާދީފަ އެވެ. އެކަމާ ގުޅިގެން އޭނާ ހައްޔަރުކޮށް ތިން ދުވަސްވަންދެން ޖަލުގައި ބަންދު ކުރި އެވެ.

ޔޫއެފާ ނޭޝަން ލީގްގެ މެޗުތަކަށް އިންގްލެންޑްގެ ސްކޮޑް މިއަދު އިއުލާން ކުރާނެ އެވެ. އިންގްލެންޑްގެ ކޯޗް ގެރެތު ސައުތުގޭޓަކީ ކުޅުންތެރިންގެ ޑިސިޕްލިން އަށް އަހައްމިއްޔަތުކަން ދޭ ކޯޗެކެވެ. އޭނާގެ ސްކޮޑުން މެގުއާއަށް ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ކުޅުންތެރިންނަށް ފިޔަވަޅު އެޅުމުގައި ސްޓާ ޕޭލޭޔަރެއްތޯ ނުވާތަ ނޫންތޯ ސައުތުގޭޓް ނުބަލަ އެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ގައުމީ ޓީމުގައި ޖޯ ގޭމޭޒް އާއި ރަހީމް ސްޓާލިން އާ ޖެހުނު މައްސަލައެއްގައި ސްޓާލިން މެޗުގެ ސްކޮޑުން އެކަހެރި ކުރި އެވެ.

ގްރީސްގެ ލޯޔަރަކު ބުނީ ފުރަތަމަ ފަހަރު ކަމަށް ވުމުން މެގުއާއަށް ދޭނީ ކުޑަ އަދަބެއް ކަމަށެވެ. އެހެން ނަމަވެސް އިންގްލެންޑްގެ ގައުމީ ޓީމުން ޔުނައިޓެޑްގެ ޑިފެންޑަރަށް ޖާގަ ގެއްލުމަކީ އޭނާއަށް ކަުޑަ އަދަބަކަށް ނުވާނެ އެވެ.

ސައުތުގޭޓްގެ ޓީމުން ސެންޓަރަލް ޑިފެންޑަރުންގެ ގޮތުގައި އެސްޓަންވިލާގެ ޓައިރާން މިންގްސް، މެންޗެސްޓާ ސިޓީގެ ޖޯން ސްޓޯންސް އަދި ޗެލްސީގެ ފިކެޔާ ޓްމޯރީއަށް ކުރިން ފުރުސަތު ދިނެވެ. އެހެންނަމަވެސް އެ ކުޅުންތެރިން އެއް ލެވަލެއްގައި ނުކުޅެވުމުގެ މައްސަލަ އޭރު އޮތީ ފާޙަގަ ވެފަ އެވެ.

ޔޫއެފާ ނޭޝަން ލީގްގައި އަންނަ މަހު އިންގެލްނޑް ނުކުންނާނީ، އައިސްލެންޑާއި ޑެންމާޚާ ދެކޮޅަށެވެ.