ހަބަރު

ސީއެސްސީ ލިސްޓުގައި މައްސަލައެއް ނެތްކަމަށް ނިންމައިފި

Aug 25, 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޝޯޓު ލިސްޓް ކުރި ބޭފުޅުންގެ ތެރޭގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރެއްގެ މަސްލަހަތު ނުހިމެނޭކަމަށް އެ މައްސަލަ ބެލި މަޖިލީހުގެ ސުލޫކާއި އިމްތިޔާޒު ކޮމިޓީއިން ނިންމައިފި އެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓްލިސްޓް ކުރި 13 ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރެއްގެ "މަސްލަހަތު ހިމެނޭ ބޭފުޅެއްގެ ނަން އެބަ އޮތް" ކަމަށެވެ.

"އަޅުގަނޑު އެ ލިސްޓް ބެލިއިރުގައި މި މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ، އަދި ހާއްސަކޮށް މިނިވަން މުއައްސަސާ ކޮމިޓީގެ އިއްޒަތްތެރި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއް ކަމަށް އަޅުގަނޑުގެ ޟަމީރަށް ގަބޫލުކުރެވޭ ބޭފުޅަކު އިންނެވީތީ އަޅުގަނޑު އެދެނީ ސުލޫކާއި އިމްތިޔާޒް ކޮމިޓީން އަދި އެއް ފަހަރު މިކަން ބައްލަވައި ދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.

މަސްލަހަތު ހިމެނޭ މެންބަރުގެ ނަން ނަޝީދު ވިދާޅުނުވި ނަމަވެސް، އެމަނިކުފާނު ފާހަގަކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުންގެ ނަން އެ ލިސްޓުގައި ހިމެނިފައިވާތީ އެވެ.

އެ މައްސަލަ ދިރާސާކުރުމަށް ސުލޫކު ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ މީގެ ކުރިން މެންބަރަކު ކައިވެނި ބައްލަވައިގެންފައިވާ ފަރާތެއް މަސްލަހަތު އޮންނަ ފަރާތަކަށް ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން، މަޖިލީހުގެ ގަވާއިދުގައި ވެސް ހިމެނިފައި ވަނީ މާލީ މަސްލަހަތުތަކުގެ ވާހަކަތައް ކަމަށް ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި މެންބަރެއްގެ ކުރީގެ އަނބިކަނބަލަކު ހިމެނޭތީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ނުވާނެ ކަމަށް ނާޒިމް ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އެއާއެކު ކޮމިޓީގެ ނިންމުން ވަނީ އަނބުރާ ތަޅުމަށް ފޮނުވައިފަ އެވެ.