ހަބަރު

ނާޒިމް އެނބުރި ރާއްޖެ ވަޑައިގެން ޑިފެންސް މިނިސްޓްރީ ހިންގުމާ ހަވާލުވެ ވަޑައިގެންފި

Jan 10, 2015

އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމް އެނބުރި ރާއްޖެ ވަޑައިގެން އެ މިނިސްޓްރީ ހިންގުމާ ހަވާލުވެ ވަޑައިގެންނަވައިފި އެވެ.

ނާޒިމް އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައިވަނީ އާއިލާއާ އެކު ޗުއްޓީއެއް ހޭދަކޮށްލުމަށް ފަހު ރައީސް ހަވާލު ކުރައްވާފައިވާ ހުރި މަސްއޫލިއްޔަތުތަކާ އަލުން ހަވާލުވެ ވަޑައިގެންފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓަރުގެ އިތުރުން ހެލްތް މިނިސްޓްރީ ވެސް ހިންގަވަމުން ގެންދެވި ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގަތުމާ އެކު ޑިފެންސް މިނިސްޓްރީ ހިންގުން ރައީސް އަބްދުﷲ ޔާމީން ހަވާލު ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ އެވެ. ހެލްތް މިނިސްޓްރީ ހިންގުން ހަވާލު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޝަހީމާ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާތީ އެ މިނިސްޓްރީ ހިންގުން ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލު ކުރައްވައިފަ އެވެ.