މެސީ

ބާސާ ދޫކޮށްލަން މެސީ ބޭނުންވޭ، ނަމަވެސް ގާނޫނީ ހުރަސްތަކެއް

އެފްސީ ބާސެލޯނާގެ ސީނިއާ ޓީމުގައި 16 އަހަރު ވަންދެން ހޭދަ ކުރި ކެޕްޓަން ލިއޮނަލް މެސީ، އެ ކުލަބު ދޫކޮށްލަން ބޭނުންވާކަން އެންގިނަމަވެސް، ގާނޫނީ ހުރަސްތަކެއް އޭނާއަށް ކުރިމަތިވެއްޖެ އެވެ.

ބާސެލޯނާގެ އާ ކޯޗް ރޮނަލްޑް ކޫމަން، މިދިޔަ ހުކުރު ދުވަހު ވަނީ މެސީއާ ބައްދަލު ކޮށްފަ އެވެ. ބާސާގައި ހުރުމަށް ވުރެ ކުލަބުގައި މަޑުނުކުރުން ކައިރިކަމަށް އެ ބައްދަލުވުމުގައި ކޫމަންގެ ގާތުގައި މެސީ ބުނި ކަމަށް ކެޓަލޯނިއާގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ 'އާރްއޭސީ 1' ން ވަނީ ރިޕޯޓް ކޮށްފަ އެވެ.

އިއްޔަ މެސީ ވަނީ ބާސާގެ އިދާރާއަށް ފެކްސްގެ ޒަރިއްޔާއިން ފޮނުވި ނޯޓެއްގައި ކުލަބު ދޫކޮށްލަން އޭނާ ބޭނުންވާ ކަން ހާމަ ކޮށްފަ އެވެ. މެސީ އެގޮތަށް އެންގިކަން ބާސެލޯނާއިންވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ގާނޫނީ ގޮތުން ހުރި ހުރަސްތައް

މެސީ އާއެކު ބާސާއިން 2017 ގައި ހެދި ކޮންޓްރެކްޓްގައިވާ ގޮތުން ކޮންމެ ސީޒަނެއް ނިމުމަށް ފަހު މެސީ ބޭނުންނަމަ ކުލަބު ދޫކޮށްލުމުގެ އިހްތިޔާރު އޭނާ އަށް ލިބެ އެވެ. އޭނާ އޮގޮތަށް ބޭނުންވާނަމަ ކޮންމެ އަހަރެއްގެވެސް ޖޫން 10 ގެ ކުރިން ޓްރާންސްފާ ފުރިހަމަ ކޮށް ނިންމަން ޖެހެ އެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިއަށް ނުގެންދެވިގެން މާޗް މަހު ހުއްޓާލި ލަލީގާގެ ސީޒަން އަލުން ފެށީވެސް ޖޫން 11 ގަ އެވެ. މިއީ މެސީ ކުލަބުގައި ހިފެހެއްޓުމަށް އެ ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު އާއި ކުލަބުގެ ބޯޑަށް ހިފިދާނެ ނުކުތާއެކެވެ.

ހަމަ އެގޮތަށް މެސީިއަށްވެސް އެ ނުކުތާ އިއުތިރާޒު ކުރެވިދާނެ ހާލަތެއް އެބައޮތެވެ. މިހާލަތަކީ ކޮވިޑް-19 ގެ ބަލި މަޑުކަމުގެ ސަބަބުން ފުޓްބޯޅައިގެ ކަންކަން އާންމު މަގުން ހިނގަމުންދާ ހާލަތެއް ނޫން ކަމަށްވާތީ އެވެ. މާޗް މަހުން ފެށިގެން ޖޫން 10 ހަމައަށް ދިޔައިރުވެސް ސީޒަން ނިމިފައި ނުވާތީ އެކަމަށް މެސީއަށް އިއުތިރާޒް ކުރެވިދާނެ އެވެ. އެހެންނަމަވެސް އެކަން ތަންފީޒު ކުރުމަށްޓަކައި މެސީގެ ގާނޫނީ ޓީމަށް ބުރަ މަސައްކަތެއް ކުރަން ޖެހޭނެ އެވެ.

ގާނޫނީ ގޮތުން ކުރިމަތިވާނެ އަނެއް ހުރަހަކީ، މެސީގެ ކޮންޓްރެކްޓްގައި ހިމެނޭ "ރިލީޒް ކްލޯޒް" އެވެ. އެއީ ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން، އެހެން ކުލަބަކުން މެސީ ގެންދަން ބޭނުންވެއްޖެނަމަ. އެ ކުލަބަކުން ބާސެލޯނާއަށް ދައްކަން ޖެހޭ ޓްރާންސްފާ ފީ އެވެ. މެސީގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި އޭނާގެ ކޮންޓްރެކްޓްގައި ބާސާއިން ހިމަނަފާއިވާ އަގަކީ، 700 މިލިއަން ޔޫރޯ އެވެ. ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫން 30 ގަ އެވެ.

މެސީ އެދިފައި ވަނީ، ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ކުލަބު ދޫކޮށްލުމުގެ އިހްތިޔާރު ދިނުމަށެވެ. އެހެންނަމަވެސް ދެ ފަރާތުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުމުގެ ދަށުން، އެކަން ކުރެވެން ނެތް ކަން ހާމަކޮށް ބާސާއަށް މެސީ ޓީމުގައި ހިފެހެއްޓިދާނެ އެވެ.

މެސީ ބާސާ ދޫކޮށްލަން ރަސްމީކޮށް އަންގާފައި މި ވަނީ، އެ ކުލަބުގެ މިހާރުގެ މެނޭޖުމެންޓާމެދު އޭނާގެ ހިތްހަމަނުޖެހުން ވަރަށް ބޮޑށް ފެންމަތިވެގެން ކަމަށް މިޑިއާ ރިޕޯޓްތައް ބުނެ އެވެ. ސީޒަންގެ ފަހު ކޮޅު މެސީ ވަނީ އޭނާގެ ހިތްހަމަނުޖެހުން މީޑިއާއަށްވެސް ތިލަ ކޮށްފަ އެވެ.

ލަލީގާގެ ފަހު މެޗުގައި އޮސަސޫނާ އަތުން ބާސާ ބަލިވި މެޗަށް ފަހު މެސީ ބުނެފައި ވަނީ ރަނގަޅަށް ކުޅޭ ކޮންމެ ޓީމަކަށް ބަލި ކުރެވޭ ވަރުގެ ދެރަ ޓީމަކަށް ބާސާގެ ޓީމު ވެއްޖެ ކަމަށެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އޮސަސޫނާއިން އެ މެޗު ކާމިޔާބު ކުރީ 2-1 އިންނެވެ.

"އެކަށީގެންވާ މިންވަރަށް އިންޓެންސިޓީ އާއި ހިތްވަރު ނެރެގެން ކުޅޭ ޓީމަކަށް ބަލި ކުރެވޭވަރުގެ ދެރަ ޓީމެއް އަހަރެމެން ޓީމަކީ، ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުނެފައި ވެއެވެ. "މުޅި ސީޒަންގައި އަހަރެމެންނަށް އެއްވަރެއްގައި ނުހިފެހެއްޓިގެން، އަމިއްލަ ނަފުސަށް އަހަރެމެން ފާޑު ކިޔަން ޖެހޭ، ކުޅުންތެރިންނާއި މުޅި ކުލަބުގެ މެނޭޖުމެންޓްވެސް."