ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ގއ. ވިލިނގިލި މޮނިޓަރިން ހާލަތަށް ގެންގޮސްފި އެވެ.
އެޗްއީއޯސީ އިން ބުނީ އުމުރުން 55 އަހަރުގެ ފިރިހެނަކު ކަރަންޓީންގެ މުއްދަތު ހަމަވެގެން ދޫކޮށްލަން ހެދި ޓެސްޓުގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މުޅި ރަށް މޮނިޓަރިން ހާލަތައް ގެންގޮސްފައިވާ ކަމަށެވެ.
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މީހާ، ކަރަންޓީނުގެ އުސޫލާއި ހިލާފަށް ރަށުތެރެއަށް ނުކުމެ އުޅުނު ކަމަށެވެ. އަދި އެކަމާއި ގުޅިގެން އޭނާއަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާގުޅޭ އިދާރާތަކުން އަޅާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެމީހާ އަކީ މާޅެއިން އެ ރަށަށް ގޮސް އިތުރު މީހަކާއެކު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށާއި ނަމަވެސް އެކުގައި ކަރަންޓިނުގައި ހުރި އަނެއް މީހާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޕޮޒިޓިވްވި މީހާ އާއި މިހާތަނަށް ފަސް މީހަކު ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށާއި އެ އަދަދު އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.
ވިލިނގިއްޔަށް އަރާ ފޭބުން މަނާކޮށް ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނާއި ސްކޫލް ވެސް ވަނީ ބަންދުކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮޒިޓިވްވި މީހާ ހޯމް ކަރަންޓީނުގައި ހުރީ ވިލިނގިލީގައި ކެފޭއެއް ހިންގާ ގެއެއްގަ އެވެ. އެހެން ކަމުން އެ ކެފޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީންނާއި، އެތަނަށް ވަދެނުކުތް ބައެއް ފަރާތްތަކާއި އެމީހާ އާއި ވަނީ ބައްދަލު ވެފަ އެވެ.
ވިލިނގިލިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެޗްޕީއޭގެ އުސޫލާއި ހިލާފުވި މީހަކު މީގެ ކުރިން އެރަށުން ވަނީ ހައްޔަރު ކޮށްފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 7000 އަށްވުރެ ގިނަވެފައިވާއިރު އަތޮޅުތެރެއަށްވެސް މި ބަލި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ. އެގޮތުން އަތޮޅުތަކުގެ ތެރެއިން ގިނައިން ޕޮޒިޓިވް ވެފައިވަނީ މާލެއިން ރަށްރަށައް ގޮސް ކަރަންޓީނުގައި ތިބޭ މީހުްނެވެ. ރާޢްޖެއިން މިހާތަނަށް މިބަލީގައި 28 މީހަކު ވަނީ މަރުވެފަ އެވެ.