ރެއާލް މެޑްރިޑްގެ ލެޖެންޑް ރެއުލް ގޮންޒާލޭޒްގެ ކޯޗް ކަމުގެ ދަށުން، ބެންފީކާގެ މައްޗަށް ކާމިޔާބު ހޯދައި ރެއާލްއިން ޔޫއެފާ ޔޫތު ލީގް ކާމިޔާބު ކޮށްފި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ކޯޗް ކަމަށް ނުކުތް ރެއާލްގެ ކުރީގެ ކެޕްޓަން ކޯޗެއްގެ ގޮތުގައި ހޯދި ފުރަތަމަ ތައްޓަކީ، ރޭ ސްވިޒަލޭނޑްގެ ނިއުޔޯންގައި ނިމިގެންދިޔަ މުބާރާތެވެ. ރެއާލްގެ ޒުވާން ޓީމުން މެޗު ކާމިޔާބު ކުރީ 3-2 ންނެވެ. އެ މުބާރަތަކީ ޔޫއެފާ ޔޫތު ލެވަލްގައި ރެއާލްއިން ހޯދި ފުރަތަމަ ތަށި ވެސް މެ އެވެ.
ރެއާލްގެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޑްރިޑްގެ ޓީމުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕަބެލޯ ރޮޑްރިގޭޒް އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރި ދެ ވަނަ ލަނޑަކީ ބެންފީކާގެ އެންހޭކޭ ޖޮކޫ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ގޮންސާލޯ ރާމޯސް ވަނީ، ބެންފީކާއަށް ލަނޑު ކާމިޔާބު ކޮށްދީ އެ ޓީމު އަލުން މެޗުގެ ތެރެއަށް ގެނެސްދީފަ އެވެ.
އެހެން ނަމަވެސް ޖެހިގެން އައި މިނެޓްގައި ރެއާލްގެ މިގުއިލް ގުއިޓަރޭޒް ވަނީ ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 57 ވަނަ މިނެޓްގައި ގޮންސާލޯ ރާމޯސް ވަނީ ބެންފީކާއަށް ނަތީޖާގެ ފަރަގު އަލުން ކުޑަ ކޮށްދިނެވެ. މެޗުގެ 68 ވަނަ މިނެޓްގައި ބެންފީކާ އަށް ލިބުނު ޕެނަލްޓީއެއްގައި ތިއާގޯ ޑަންޓޯސްއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ފުރުސަތު ލިބިފަ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ރެއާލްގެ ކީޕަރު ލުއިޒް ލޯޕޭޒް ދިފާއު ކުރި އެވެ.
ފައިނަލާ ހަމައަށް ދިއުމުގައި ރައުލްގެ ކޯޗް ކަމުގެ ދަށުން ރެއާލްގެ ޓީމުން ވަނީ ޔުވެންޓަސް، އިންޓަ މިލާން އަދި އާރްބީ ސަލްޒްބާގް ބަލި ކޮށްފަ އެވެ.