ދުނިޔެ

ޗައިނާގެ ބިއްލޫރި ބްރިޖެއްގައި ރެނދުލައިފި

ބެއިޖިން (9 އޮކްޓޯބަރު) – ޗައިނާގެ މަގްބޫލު ޓޫރިސްޓް އެކްރެކްޝަނެއް ކަމުގައިވާ ޝިނިއުޒާއީ ނެޝެނަލް ޖިއޮލޮޖިކަލް ޕާކްގައި ހުޅުވި ބިއްލޫރި ބްރިޖުގައި ރެނދުލައި ޓޫރިސްޓުންގެ ހިތްތަކަށް ވެސް އެ ރެނދުތައް ފެތުރިއްޖެ އެވެ.

ބްރިޖުގައި ހިނގަން ގާއިމުކޮށްފައިވާ މަގު އެއްކޮށް ބިއްލޫރިން ގުޅުވާލަދީފައިވާ މި ބްރިޖުގައި ރެނދުލީ ޗައިނާގެ ގައުމީ ދުވަހުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުންތަކެއް ބްރިޖުގެ ހިތްގައިމުކަން ދެކިލުމަށް ގޮސް އުޅެނިކޮށެވެ. ޗައިނާގެ ސީސީޓީވީން ދެއްކި ވީޑިއޯތަކުން ފެންނަ ގޮތުގައި ރެނދުއަޅައި ބްރިޖުގެ ބިއްލޫރި މަގުގެ 68 މީޓަރު (223 ފޫޓް) ގެ ސަރަހައްދެއް ވަނީ ކުދި ލާރި ފޮތިތަކެއްގެ ސައިޒަށް ތަޅައިގެން ގޮސް އެއްކޮށް ޗިސްވެފަ އެވެ.

ނަމަވެސް ޗައިނާގެ ރަސްމީ ފަރާތްތަކުން ބުނެފައި ވަނީ ބްރިޖުގައި ނުރައްކަލެއް ނެތް ކަމަށާއި އެ ވަރުގެ ރެނދުތަކެއް އަޅައި ބްރިޖުން ބައެއް ހަލާކުވިޔަސް އޭގެ މަތިން ހިނގާ މީހުންނަށް ވެސް ނުރައްކަލެއް ނެތް ކަމަށެވެ. ސަބަބަކީ ރެނދުލައި ރޫޅިގެން ގޮސްފައި ވަނީ ބިއްލޫރީގެ ފަށަލައިގެ ތެރެއިން އެންމެ ފަށަލައެއްގައި ކަމަށް ވާތީ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ރަސްމީ ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ބްރިޖުގައި ގާއިމުކޮށްފައިވާ ބިއްލޫރީގެ މަގަކީ އޭގެ ކޮންމެ އަކަފޫޓެއްގައި 800 ކިލޯގްރާމްގެ ބަރު ހިފެހެއްޓުމުގެ ބާރު ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ ބްރިޖެއް ކަމަށެވެ.

ބްރިޖުގައި އެގޮތަށް ބިއްލޫރީގެ ތިން ފަށަލައެއް މަތިމައްޗަށް ލާފައިވެ އެވެ. ހިތްގައިމު ފަރުބަދަ ވާދީއެއްގައި ގާއިމުކޮށްފައިވާ މި ބްރިޖު އަޅާފައި ވަނީ ކަނޑުގެ ލޮނުގަނޑުން 3،500 ފޫޓް މަތީގަ އެވެ. ޗައިނާގެ ހުނާން ޕްރޮވިންސްގައި ގާއިމުކޮށްފައިވާ މި ބްރިޖުގެ ދިގުމިނުގައި 1،200 ފޫޓް ހުރެ އެވެ.

ޗައިނާގެ ޝިނިއުޒާއީ ނެޝެނަލް ޖިއޮލޮޖިކަލް ޕާކުގައި މި ބްރިޖު އާންމުކޮށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
މި ބްރިޖަކީ ޗައިނާގައި ބިއްލޫރި މަގުލީ ބްރިޖުތަކުގެ މަގްބޫލުކަން ބޮޑުވެގެން ދިއުމުން އޭގެ ފޯރީގައި ހުޅުވި ބްރިޖެކެވެ. މިފަދަ ބިއްލޫރި މަގުލީ

ބްރިޖުތަކަށް ބަލާއިރު އޭގެ އެންމެ އުސް އަދި އެންމެ ބޮޑު ބްރިޖު ވެސް އޮތީ ޗައިނާގަ އެވެ.
އެއީ އެގައުމުގެ ހުނާން ޕްރޮވިންސްގެ ޒަންގްޖައެޖީގައި އަޅާފައިވާ ބްރިޖެކެވެ. އޭގެ ދިގު މިނުގައި 1،410 ފޫޓް އަދި އުސް މިނުގައި 984 ފޫޓް ހުރެ އެވެ.