ވިޔަފާރި

އޮންލައިން ޕްލެޓްފޯމު ތަކުން ފޮނުވާ ފައިސާ ރުފިޔާ އެކައުންޓްތަކަށް

Aug 26, 2020
1

ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓު ތަކުން ފޮނުވާ ފައިސާ ރުފިޔާ އެކައުންޓްތަކަށް ޖަމާކުރެވޭ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަދަލު ގެނެސްފި އެވެ.

ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނި ގޮތުގައި "ވިސާ ޑައިރެކްޓް" "މާސްޓަ ކާޑް ސެންޑް" ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓް ތަކަށް ޖަމާކޮށްދިނުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

ޓްރާންސްފާ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ގެނެވުނު ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް ފައިސާ ފޮނުވާ (P2P) ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާގެ މުއާމަލާތްތައް ކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާއި ންނެވެ. މި ބަދަލާއެކު ޑޮލަރު އެކައުންޓް ތަކަށް ފައިސާ ޖަމާކުރުން ހުއްޓޭނެ އެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިން އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓް ތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ.

ބީއެމްއެލް އިން ބުނީ މި ބަދަލު ގެނައި ނަމަވެސް، މިހާރެކޭ އެއްގޮތަށް ކުރި އަށް އޮތްތަނުގައި ވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގޭނެ ކަމަށެވެ. ނަމަވެސް މި ބަދަލާއެކު ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓް ތަކުން ކަމަށް ބޭންކް އިން ބުނެފައިވެ އެވެ.

މި ބަލާއެކު އުފެދޭ ބައެއް ސުވާލާއި ޖަވާބު

ވިސާ ޑައިރެކްޓް އަކީ ކޮބާ؟

ވިސާ ޑައިރެކްޓް އަކީ ކަސްޓަމަރުން އާންމުކޮށް އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ފައިސާ ލިބިގަތުމަށް
ބޭނުންކުރާ ޕްލެޓްފޯމެކެވެ. މިފަދަ ޕްލެޓްފޯމެއް މާސްޓަ ކާޑް ސެންޑް ގެ ނަމުގައި މާސްޓަ ކާޑުން ވެސް ގެންގުޅެ އެވެ.

ދިވެހި ރުފިޔާ އެކައުންޓަށް ވަންނަ ފައިސާ އަށް ޗާޖުކުރާނެތަ؟

ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ހަމަޖއްސާފައިވާ ކަސްޓަމރުންނަށް އެއްވެސް ޗާޖަކާއި ނުލައި
އެކައުންޓަށް ފައިސާ ލިބޭނެއެވެ. މިގޮތަށް އެކައުންޓަށް ވަންނަ ފައިސާގެ މުއާމަލާތްތައް ދިވެހި ރުފިޔާ އަށް ބަދަލުކުރެވިގެންދާނީ
އެއް ޑޮލަރަކީ 15.21 ރުފިޔާގެ ރޭޓުންނެވެ.

ޑޮލަރުން އެއްޗެއް ގަތީމަ ރިފަންޑް ކުރަން ޖެހޭ ހާލަތެއްގައި ރިފަންޑް ޑޮލަރު އެކައުންޓަށް ޖަމާ ކުރެވޭނެ ތަ<

ރިފަންޑް އަދި ރިވާސަލްތައް ޔޫއެސް ޑޮލަރު އެކައުންޓަށް ޖަމާކުރެވޭނީ އެ ވިޔަފާރީގެ ފަރާތުން އެ މުއާމަލާތެއް ރިފަންޑް ނުވަތަ
ރިވާސަލްއެއްގެ ގޮތުގައި ޕްރޮސެސްކޮށްފައިވާނަމަ އެވެ. މަނީ ޓްރާންސްފާއެއްގެ ގޮތުގައި ޕްރޮސެސްކޮށްފައިވާނަމަ ޔޫއެސް ޑޮލަރު އެކައުންޓަށް ޖަމާނުވާނެ އެވެ. އެ ވިޔަފާރީގެ ފަރާތުން މިއީ އެކައުންޓަށް ފޮނުވޭ ފައިސާއެއްގެ ގޮތުގައި ޕްރޮސެސްކޮށްފައިވާނަމަ ފައިސާ ޖަމާވާނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށެވެ. ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައެޅިފައިވާނަމަ އެކައުންޓަށް ފޮނުވޭ ފައިސާ ޖަމާނުވާނެ އެވެ.

ޕްރައިމަރީ އެކައުންޓް ބަދަލުކުރާނީ ކިހިނެއް؟

ކާޑެއްގެ ޕްރައިމަރީ އެކައުންޓް ޔޫއެސް ޑޮލަރު އެކައުންޓަކުން ދިވެހި ރުފިޔާ އެކައުންޓަކަށް ބަދަލުކުރެވިދާނެއެވެ. އަދި ދިވެހި
ރުފިޔާގެ އެއް އެކައުންޓުން އަނެއް އެކައުންޓަކަށްވެސް ބަދަލުކުރެވިދާނެ އެވެ. އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ބޭންކަށް މެއިލް
ފޮނުވައިގެން ޕްރައިމަރީ އެކައުންޓް ބަދަލުކުރެވޭނެއެވެ. ޔޫއެސް ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ކާޑުން މުއާމަލާތްކުރަން ބޭނުންވާނަމަ، ޔޫއެސް ޑޮލަރު އެކައުންޓަށް އިތުރު ކާޑެއް ހޯދުމަށް އެދި ހުށަހަޅާށެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިތުރު ކާޑަކަށް އެދި ހުށަހެޅޭނެ އެވެ.

ބީއެލްއިން ބުނެފައިވާ ގޮތުގައި މި ބަދަލު ގެނައި ނަމަވެސް ޓީޓީ މެދުވެރިކޮށް ލިބޭ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓަށް ޖަމާ ކުރެވޭނެ ކަމަށެވެ. ބޭރުން ލިބޭ ފައިސާ ޖަމާކޮށްދިނުމުގައި ބޭންކުން ހަމައެކަނި ބަދަލު ގެނެސްފައިވަނީ ވިސާ ޑައިރެކްޓް އަދި
މާސްޓަކާޑް ސެންޑް ފަދަ ޕްލެޓްފޯމް ތައް މެދުވެރިކޮށް ބޭރުން އޮންލައިންކޮށް ލިބޭ ފައިސާއަށެވެ. ކުރިއެކޭ އެއްގޮތަށް
ޑޮލަރު އެކައުންޓަށް ޓީޓީގެ ގޮތުގައި ލިބޭ ފައިސާ ޖަމާވާނެ އެވެ. އަދި މި ބަދަލު ގެނައި ނަމަވެސް މިހާރެކޭ އެއްގޮތަށް ބީއެމްއެލް މޮބައިލްޕޭ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން ފައިސާ ފޮނުވޭނެ ކަމަށެވެ.