ލައިފްސްޓައިލް

ސަކީނާ: މީރު ރަހަތަކުގެ ބަދިގެއެއް!

މި މަސައްކަތުގެ ފެށުން އައީ މީގެ 12 ވަރަކަށް އަހަރު ކުރިންނެވެ. އެހެން ވާން ޖެހުނީ މަންމައަކީ އަބަދުވެސް ކެއްކުމުގެ ތެރޭގައި އުޅުނު މީހަކަށް ވާތީ އެވެ. މަންމަ ތައްޔާރު ކުރަމުން އައި ކެއުންތަކުގެ ރަހަތަކަކީ ކައިރި އަވަށްޓެރިންގެ "ފޭވަރިޓަކަށް" ވެގެނެވެ. އަދި އަވަށްޓެރިންނާއި އެހެން ވެސް ގާތް މީހުންގެ އެދުމަށް މަންމަ ލޮނު މިރުސް ތައްޔާރުކޮށް ވިއްކަން ފަށައިގެނެވެ. ގޭގައި ތައްޔާރުކޮށް ވިއްކުމުގެ އިތުރުން ފިހާރަޔަކަށް ވެސް ގެންދެ އެވެ. އެ ވިޔަފާރި ކުރަމުން ދަނިކޮށް ބައްޕަގެ ފަރުވާއަށް މަންމަ ފުރަން ޖެހުމުން ވެސް މަސައްކަތަށް މެދުކެނޑޭކަށް މަންމަ ބޭނުމެއް ނުވިއެވެ. އެހެންވެ މަންމަގެ ފަހަތުން މަސައްކަތާ ހަވާލުވީ އެވެ.

މިހާރު އިންސްޓަގްރާމްގައި "ސަކީނާސް" ގެ ނަމުން އަދި ފޭސްބުކް ގައި "ސަކީނާސް ހޯމްމޭޑް މޯލްޑިވިއަން ސްޕައިސަސް" ގެ ނަމުން މަޝްހޫރު ވެފައިވާ ދެ ޕޭޖުގެ ވެރިޔާއަކީ އައިމިނަތު ޝިފާ 28، އެވެ.

"ބައްޕަ ބަލިވެގެން ބައްޕަ ގޮވައިގެން ބޭސް ފަރުވާއަށް މަންމަ ފުރަމުން އެވަގުތު ހުރި ތަކެތިން ލޮނު މިރުސް ތައްޔާރު ކުރާށޭ ބުނެފައި މަންމަ ފުރައިގެން ދިޔައީ،" ޝިފާ ބުންޏެވެ.

ޝިފާ ބުނި ގޮތުގައި ކެއްކުމަށް ޝައުގު ހުންނާތީ މަންމަގެ ފަހަތުން ބަދިގޭގައި އުޅޭތީ މަންމަގެ ރެސިޕީތައް ހުރީ ވަރަށް ރަނގަޅަށް ދަސްވެފަ އެވެ. އެހެންވެ އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ. ދަތުރަށްފަހު މަންމަ އެނބުރި އައި އިރު ޝިފާ ތައްޔާރުކުރި ލޮނު މިރުހަށް މަންމަގެ ރަށްޓެހިންގެ ފަރާތުން އައީ ތައުރީފެވެ.

އޭގެ ފަހުން މީގެ ހަތް އަހަރު ކުރިން މަންމަގެ އޮޕަރޭޝަނަކަށް މަންމަ ފުރައިގެން ދިޔައީ މަސައްކަތަށް މެދުކެނޑުމެއް ނުގެނެސް ކުރިއަށް ގެންދިއުމަށް ޝިފާ ގާތު އެދިފަ އެވެ. ނަސީބު ދެރަކަމުން މަންމަ އށް އެނބުރި ޝިފާ އާއި އާއިލާ ކައިރިއަށް ނާދެވި ދުނިޔެއާއި ވަކިވީ އެވެ.

މަންމަ ވަކިވެގެން ދިއުމުން މަންމަ ކުރަމުން އައި މަސައްކަތް ހިފެހެއްޓުމަށް "ސަކީނާ" ގެ ބަދިގެއިން އެހެން ގޭގޭގެ ސުފުރާ މައްޗަށް ލިބޭނޭ އައިޓަމްތައް އިތުރު ކުރީ އެވެ.

"މަންމަ ދުނިޔޭގައި ލޮނު މިރުސް ވިއްކަން ގެންދާނެ 'އަލްބަކޯ' ކިޔާ ފިހާރަޔަކަށް. އެތަނަށް ގެންދިޔައީ ޖޫސްޕެޓީ ކޮތަޅުގައި. ހުސްވެފައި ހުރިއްޔާ ބައެއްފަހަރު މީހުން އަންނާނެ ގެޔަށް ވެސް ލޮނުމިރުސް ގަންނަން. މަންމައަކީ އަބަދުވެސް ވިއްކާ އެއްޗެހި ވަރަށް ރީސަނަބްލް އަގެއްގައި ވިއްކުމަށް އިސްކަންދޭ މީހެއް" ޝިފާ ބުންޏެވެ.

މަންމަގެ ނަމުން ނަން ދީފައިވާ ޕޭޖުން މިހާރު ލޮނު މިރުހުގެ އިތުރުން އަސާރަ އާއި ލޮނު ލުނބޯ ވެސް ލިބެ އެވެ. ޝިފާ ބުނި ގޮތުގައި ކުރިން އޭނާ އެ ތަކެތި ތައްޔާރު ކުރަމުން އައީ ރޯދައަށް ނަމަވެސް މިހާރު ޑިމާންޑް ބޮޑުވުމުން އަބަދުވެސް ތައްޔާރު ކުރަން ޖެހެ އެވެ. އަދި ބްރޭންޑެއްގެ ގޮތުގައި ހިފެހެއްޓުމަށް 2017 ވަނަ އަހަރުން ފެށިގެން ވިއްކަނީ ފުޅިއާއި ތަށީގައި ބަންދުކޮށް "ސަކީނާ" ގެ ލޭބަލްގަ އެވެ.

ޝިފާ ބުނި ގޮތުގައި ވަރަށް ގިނަ އާއިލާތަކުން ލޮނު ލުނބޯ އާއި އަސާރައިގެ ބޮޑެތި ފުޅި ބޭނުންނުވާތީ އެކަށީގެންވާ ބޮޑެތި ސައިޒުގެ ތަށީގައި ވެސް ފޯރުކޮށްދެ އެވެ. ސަކީނާގެ ބަދިގޭގައި ލޮނު މިރުސް ތައްޔާރު ކުރަނީ ކަރަންޓު ދައިންނެވެ.

ލޮނު މިރުހާއި ލޮނު ލުނބޮޔާއި އަސާރައިގެ އިތުރުން ތަފާތު އެހެން ރެސިޕީއެއް "ސަކީނާ" ލޭބަލްގައި ވެއެވެ. އެއީ ކަރާތޮށީގެ ވަރަށްމީރު ސައިޑް ޑިޝްއެކެވެ. ފާހަގަ ކޮށްލެވޭ އަނެއް އައިޓަމަކީ ހުކުރު ދުވަހަށް ހާއްސަ މަސްބަތެވެ.

ސަކީނާގެ ބަދިގޭގައި ތައްޔާރުކުރާ ލޮނުމިރުހާއި، އަސާރައާއި، ލޮނު ލުނބޯގެ އިތުރުން ތެލުލި ރިހާކުރާއި ތެލުލިފަތާއެކު ލިބޭ މި މަސްބަތް ޕެކޭޖަކީ މެންދުރުގެ ކެއުމަށް އެއްވަނައިގެ ކެއުމެކެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 10:00 ޖަހަންދެން ބަލައިގަންނަ އޯޑަރުތަކުގެ ކެއުން އޯޑަރުދިން ފަރާތްތަކުގެ ގެއަށް ހުކުރު ދުވަހުގެ މެންދުރު 12:00 ޖަހަންވާއިރަށް ގެންގޮސް ދޭނެ އެވެ.