ދުނިޔެ

ލުބުނާންގެ ހިޒުބުﷲގެ އަމާޒުތަކަށް އިޒްޜޭލުން ހަމަލާދޭން ފަށައިފި

ލުބުނާނުގައި އޮންނަ ހިޒްބުﷲގެ އަމާޒުތަކަށް އިޒްރޭލުން ހަމަލާތައް އަމާޒުކޮށްފި އެވެ. އެފަދަ ފުރަތަމަ ހަމަލާ އައީ މިދިއަ އަންގާރަ ދުވަހު ހިޒްބުﷲ ގެ އޮބްޒަވޭޝަން ޕޯސްޓަކަށެވެ. އެ ދުވަހުގެ ހަމަލާތައް އައީ އިޒްރޭލްގެ ފައުޖުތަކަށް ބަޑީގެ ހަމަލަތަކެއް ދިން ކަމަށް ތުހުމަތު ކޮށެވެ.

މެދު އިރުމަތީގެ ޔަހޫދީ ދައުލަތް، އިޒްރޭލުން ބުނާ ގޮތުގައި ލުބުނާނާއި އިޒްރޭލާ ދެމެދު އދ. އިން ކަނޑއަޅާފައިވާ ބޯޑާ ލައިން ކައިރީގައި ސަލާމަތީ ފުށުއެރުންތައް އިތުރުވަމުން ދެއެވެ. އިޒްރޭލް ސިފައިންގެ ފަރާތުން ޓްވީޓާ މެދުވެރިކޮށް ބުނެފައިވާ ގޮތުގައި އިޒްރޭލްގެ އުތުރުގައި ސިފައިން އަސްކަރީ ހަރަކާތެއް ހިންގަމުން ދަނިކޮށް އިޒްރޭލްގެ ސިފައިންނަށް އަމާޒުކޮށް ލުބުނާނުގެ ތެރެއިން ހަމަލާތައް ފޮނުވާފައި ވެއެވެ.

"އަހަރެމެން ރައްދު ދިނުމުގެ ގޮތުން ބޯޑާ ކައިރީގައިވާ ހިޒްބުﷲގެ ޕޯސްޓްތަކަކަށް ވައިގެ ހަމަލައެއް ވާނީ ދީފައި މިއީ ނުރައްކާތެރި ހަމަލައެއެ. އަހަރެމެންގެ ބޯޑަރަށް އަންނަ ކޮންމެ ނުރައްކަލަކުން ދިފާއުވުމަށް އަހަރެމެން މިތިބީ ތައްޔާރަށް،" ޓްވީޓްގައި އިޒްރޭލް ސިފައިންގެ ފަރާތުން ބުނެފައި ވެއެވެ.
.
ލުބުނާންގެ ތެރެއިން ދިން ކަމަށް ބުނާ ހަމަލާއާއެކު ހިޒުބުﷲ ގެ އަމާޒުތަކަށް އިޒްރޭލުން ރައްދު ހަމަލާތަކެއް ދޭން ފަށާފައިވާއިރު ލުބުނާންގެ ތެރެއިން ދިން ހަމަލާގައި އިޒްރޭލް ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އެކަން އިޒްރޭލުން ވެސް ކަށަވަރުކޮށް ދެއެވެ.

އަނެއްކޮޅުން ހިޒްބުﷲ އިން އެކަމާއިބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމަކު މި ދެބައި މީހުންގެ މެދުގައި ކަން ހިނގާ އާންމު އުސޫލުތަކަށް ބަލާއިރު އިޒްރޭލާއި ލުބުނާން އޮތީ "ހަނގުރާމައިގަ" އެެވެ

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުން ދެ ގައުމުގެ ބޯޑަރު ސަރަހައްދު ބަލަހައްޓަމުން ދެއެެވެ. ސުލްހަ ބަލަހައްޓާ ލަޝްކަރަށް ބަދަލުތަކެއް ގެނައުމަށް އިޒރޭލުން ގޮވާލުމުން ލުބުނާނުން ވަނީ އެކަމާއި ދެކޮޅު ހަދާފަ އެެވެ.

ލުބުނާންގެ ވައިގެ ސަރަހައްދުން ވަންނަ އިޒްރޭލްގެ ކޮންމެ ޑްރޯންއަކަށް ހަމަލާ ދޭނެ ކަމަށް ހިޒުބުﷲ އިން ވަނީ ކުރީ ބުނެފަ އެވެެ. މިގޮތަށް އެ ޖަމާއަތުން ބުނެފައި ވަނީ ގޮވާތަކެތި ބަރުކޮށްފައިވާ ދެ ޑްރޯން ބޭނުން ކޮށްގެން އިޒްރޭލުން ލުބުނާންގެ ވެރިރަށް ބޭރޫތުގައިވާ ހިޒުބުﷲ ގެ އަމާޒުތަކަށް ހަމަލަދިނުމާ ގުޅިގެނެވެ.