ހަބަރު

ވެސްޓޯ އިން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި

މާލެ، މަޖީދީމަގުގައި ހުންނަ ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެސްޓޯ ފިހާރަ ފަޅާލައިގެން، އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަނީ ވަގަށް ނަގާފައިވާ ކަމަށާއި މި މައްސަލައިގައި މި މަހު 19 ވަނަ ދުވަހު 21 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ވެސްޓޯ ފިހާރަ ފަޅާލާ ވަގުން ވަނީ 10،1720 ރުފިޔާގެ ތަކެތި ވަގަށް ނަގާފަ އެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ވަގަށް ނެގި ތަކެތި ހޯދާފައިވާ ކަމަށާއި ފުލުހުންގެ އޮޕަރޭޝަނުގައި، 78،240 ރުފިޔާގެ ތަކެތި ވަނީ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މޯބައިލް ފޯނާއި އިލެކްޓްރޯނިކް އެކި ސާމާނު ވިއްކުމުގައި މަޝްހޫރު ވެސްޓޯގެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވަނީ މި މައްސަލާގައި ހައްޔަރުކުރި މީހާ އުޅޭ ގެ އާއި އޭނާއާ ގުޅުން ހުރި ތަންތަނުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ވައްކަމުގެ މިމައްސަލާގައި ތުހުމަތުކުރެވޭ މީހާ ތަހުގީގަށް ބަންދުގައި ބަހައްޓަން ވަނީ 15 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލޭގައި މި ފަހުން ފައިސާގެ ބޮޑެތި ވައްކަންތަކެއް ކޮށްފައި ވާއިރު އެ ވައްކަންތަކުގައި ތުހުމަތުކުރެވޭ މީހަކު ވެސް އަދި ވަގަށް ނަގާ ފައިސާ ވެސް ހޯދިފައެއް ނުވެ އެވެ. މި ހަފުތާގައި ވަނީ ޔޫރޯ މާކެޓިންގެ އޮފީސް ފަޅާލައި އެތަނުގެ ތިޖޫރިން ބައި މިލިއަނެއްހާ ރުފިޔާ ވެސް ވަގަށް ނަގައިފަ އެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވެ އެވެ.