ފިހާރަތަކުން ވައްކަން ކުރާ މައްސަލައިގެ ކަންބޮޑުވުން އަބަދު އޮވެ އެވެ. ވަގުންގެ ކިބައިން މުދާކޮޅު ސަލާމަތް ކުރަން ކެމެރާ އަޅައި ސެކިއުރިޓީން ބައިތިއްބައިގެން ވެސް ވަގުންގެ ތުރާލުން ސަލާމަތެއް ނުވެވެ އެވެ. ފަސޭހައިން ނަގާ ޖީބަށް ލައި ފޮރުވޭނެ ތަކެތި ނަގައިގެން ގެންދަނީ އެވެ. މި ދުވަސްކޮޅު ވަގުންގެ ލޯ އެންމެ ބޮޑަށް އަމާޒުވަނީ ފިހާރަ ހަރުތަކުގައި އަތުރާލާފައިވާ ކޮފީ ފުޅިތަކާއި ކޮފީ ޕެކްޓްތަކަށެވެ.
ސީސީ ކެމެރާ އާއި ސެކިއުރިޓީ އޮފިސަރުން އަދި ފިހާރަތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ސިއްރު ސިއްރުން ކޮފީކޮޅު ނަގައިގެން ގެންދަނީ އެވެ. ދުވަހުގެ ހިސާބު ބަލާއިރު އެންމެ ކޮފީ ޕެކެޓެއް ވެސް ވިކިފައިވާ ކަމަކަށް ނުދައްކަ އެވެ. ނުވަތަ ކޮފީ ގަންނަން ކަސްޓަމަރުދާއިރު ހަރު ހުންނަނީ ހުސްކޮށްލާފަ އެވެ. ވަގުން ކޮފީ ކޮޅު ވަގަށް ނަގައި ހުސްކޮށްލަނީ އެވެ.
ވަގުންގެ އުނދަގޫ ބޮޑުވެ އެންމެ ފަހުން ކޮފީ ހަރުތަކުން ފުޅި އާއި ޕަކެޓްތައް ނަގަން ޖެހުނީ އެވެ. މިހާރު ގިނަ ފިހާރަތަކުގައި ކޮފީއަށް ހާއްސަ ޖަގަހައަކީ ކައުންޓަރުގެ ކައިރި އެވެ. އެކަން އަންގަން ވެގެން ކުރީން ކޮފީ ފުޅި އާއި ޕަކެޓަށް ހާއްސަވި ހަރުތަކުގައި ލިޔުންކޮޅެއް ވެސް ފިހާރަތަކުގައި ހަރުކޮށްފައި ވެއެވެ. އެކި އިބާރާތްތަކުން އެކި ފިހާރަތަކުގައި ލިޔުންކޮޅު ހަރުކޮށްފައި ވެއެވެ.
މާލޭގައި ހިންގާ ބޮޑު ފިހާރައެއްގައި ކޮފީ ފުޅި އާއި ޕަކެޓަށް ހާއްސަކޮށްފައި ހުރި ހަރުތައް މިހާރު ހުރީ ހުސްކޮށެވެ. އަދި އެ ހަރުގައި ހަރުކޮށްފައިވާ ލިޔުންކޮޅުގައި "ވައްކަން ގިނަ ވުމުގެ ސަބަބުން ކޮފީ ފުޅި އަދި ޕެކެޓް ކައުންޓަރަށް ބަދަލު ކުރެވިފައި" މިހެން ލިޔެފައި ވެއެވެ.
އެ ފިހާރައިގެ ކޭޝިއަރަކު ބުނީ މެނޭޖްމަންޓުން އެކަން ކޮށްފައި ވަނީ ކޮފީ ނަގާ ވަގުންގެ ކިބައިން ސަލާމަތްވާން ޖެހި ހުރިހާ މަންތިރިތައް ކާމިޔާބު ނުވުމުން އެ ނޫން ގޮތެއް ނެތިގެންނެވެ.
"ބައެއް ދުވަސް ދުވަހު ދިހަ ބާރަފުޅި ވެސް އެބަހުރި ގެއްލިފައި. ކެމެރާއިން ބަލާއިރު އެބަ ފެނޭ ވަރަށް ސިއްރު ސިއްރުން ހަރުވާޅުގެ ތެރެއަށް ނޫނީ ފަޓުލޫނުގެ ޖީބަށް ފުޅިލާތަން. އަދި ބައެއް ފަހަރަށް އަތްބަދަހަށް ވެސް އެބަލާ،" އެ ކޭޝިއަރު ބުންޏެވެ.
މިއީ ވަރަށް ގިނަ މާޓްތަކަށް ދިމާވެފައިވާ ކަމެކެވެ. އެހެން މާޓެއްގެ މީހަކު ބުނީ ކޮފީ ވަގަށް ނެގުމުގެ މައްސަލަ ބޮޑުވެ ކޮފީ ހަރާ ދިމާގައި ކެމެރާވެސް ހަރުކުރި ކަމަަށާ އަދި ކެމެރާ ހަރުކޮށްފައިވާކަން އަންގާ ލިޔުމެއް ވެސް ހަރުކުރި ކަމަށެވެ.
"ނަމަވެސް އެކަމެއް ނުހުއްޓޭ. ދެން އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ކޮންމެ ދުވަހަކު ސީސީ ކެމެރާ ފްޓޭޖް ބަލައިގެން އެ މީހުންގެ ވީޑިއޯ އާންމު ކުރަންވީ. އެކަމެއް ނުކުރެވޭނެ ދެއްތޯ. އެހެންވީމަ އެންމެ ފަހުން 'ބޮޑުތަޅު' އަޅުވާފައި ކައުންޓަރަށް މިލީ. މިހާރު އެންމެ ބޮޑު ސެކިއުރިޓީއެއް ދޭން މި ޖެހެނީ ކޮފީއަށް،" އޭނާ ބުންޏެވެ.
އެތައް ވައްތަރެއްގެ ބައިވަރު މުދާ ހުންނަ މާޓްތަކުން ކޮފީން މިހާ މައްޗަށް ވައްކަން ބޮޑުވެފައިވަނީ ކީއްވެތޯ އެއީވެސް ސުވާލެކެވެ. މާޓްތަކުގައި މަސައްކަތް ކުރާ މުވައްޒިފުން ބުނީ ކޮފީ ނަގާ ކަމަަށް ބޮޑަށް ފާހަގަކުރެވެނީ ޒުވާން ފިރިހެނުން ކަމަށެވެ. އެކަން އެމީހުން ކުރަނީ އެ ވިއްކަން ފަސޭހަވުމުންނެވެ.
"ކެފޭ ކަހަލަ ތަންތަނަށް ގޮސް މި ވިއްކާލަނީ ނުއަގުގައި. ބިދޭސީން ހިންގާ ތަންތަން މިރަށުގައި ބައިވަރު. އެހެންވީމަ އެކަހަލަ އެއްޗެއް ވިއްކާލުމަކީ މާބޮޑު ކަމެއް ނޫން. ވަރަށް ފަސޭހަ ކަމެއް،"
ބައެއް މާޓްތަކުގައި މަސައްކަތް ކުރާ މީހުން ބުނީ ބައެއް ފަހަރު ކޮފީ ވަގަށް ނަގާ ޓީމުގައި ގޭގެއަށް ގެންދަން ނަގާ މީހުންވެސް އުޅޭ ކަމަށެވެ.
"އެކަން އެނގޭ ސަބަބަކީ ގެއަށް ބޭނުންވާ އެއްޗެހި ގަންނަން އައިސް ސިއްރު ސިއްރުން ކޮފީ ފުޅި ނަގާ އެބަ ލާ ދަބަހަށް. ދެން ހުރި އެއްޗެއްސަށް ފައިސާ ދައްކާފައި ކޮފީ އެ ގެންދަނީ ވަގަށް. އެކަން އަޅުގަނޑުމެން ބެލި ފްޓޭޖްތަކުން ފެންނަން އެބަހުރި. ކޮފީ އަސްލު މީ ފުދޭވަރަކަށް އަގުބޮޑު އެއްޗެއް. އެެހެންވީމަ އެހެން އެއްޗެހި ގަނެފައި ކޮފީ ނަގަނީ ވަގަށް. ވަރަށް ދެރަކަމެއް މިއީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.