މަޝްހޫރު ނިއުސް އެޖެންސީ، އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުން ހޯދައި ފަޅާ އަރުވާލި "ސައިޕްރަސް ޑޮކިއުމެންޓް" ތަކުން ހާމަވާ ގޮތުގައި ޗައިނާގެ 500 ވުރެ ގިނަ މަހުޖަނުންނާއި އަރަބި މަހުޖަނުންގެ 350 މީހަކު ސައިޕްރަސްގެ "ގޯލްޑަން ޕާސްޕޯޓް" ގަނެ އެ މީހުން ހިންގާފައިވާ ޖަރާމާތަކުން އެއް ފަރާތްވެ، ނިވާވެފައި ވެއެވެ.
ސައިޕްރަސްއަކީ 2004 ވަނަ އަހަރުން ފެށިގެން ޔޫރަޕިއަން ޔުނިއަންގެ މެމްބަރު ގައުމަކަށް ވެފައިވާ ގައުމެކެވެ. އެ ގައުމުގެ ޕާސްޕޯޓް ގަނެފައިވާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތި އީޔޫގެ މެމްބަރު 27 ގައުމަށް ދަތުރުުކޮށް ވިޔަފާރި ހިންގޭނެ އެވެ.
ޗައިނާ އާއި މެދުއިރުމަތީގެ ގައުމުތަކުގެ މަހުޖަނުންނަށް އިޔޫ ޕާސްޓެއް ލިބުމަކީ ވަރަށް ބޮޑު ނަސީބަކަށް އަދި "ސުވަރުގެ" އަކަށް ވަދެވުން ކަމަށް އަލްޖަޒީރާއިން ސިފަ ކުރެއެވެ. އެއީ އީޔޫ ޕާސްޕޯޓެއް ލިބިފައި އޮވެއްޖެނަމަ އިޔޫ މެމްބަރު ގައުމުތަކަށް ވިސާ އާއި ނުލާ އެތެރެވުމާއެކު ދަތުރުފަތުރުގެ ފަސޭހަ ލިބި، ލުއި ފަސޭހަތަކާއެކު ބޭންކިންގެ ހިދުމަތާއި ވިޔަފާރި މުއާމާލަތް ހިންގޭތީ އެވެ. އެފަދަ މަހުޖަނުން އެ މީހުންގެ އަމިއްލަ ގައުމުގައި ބޮޑެތި ޖަރީމާ އާއި ހިޔާނާތާއި ފަސާދަ އާއި އެހެން ބޮޑެތި ކުށުގެ ރެކޯޑް އޮތަސް ޔޫރަޕްގައި މިނިވަންކަމާއެކު އުޅެން ލިބޭ ރަނުގެ ފުުރުސަތަކަށް މިކަން ވެއެވެ،
އެހެން ގައުމެއްގެ މީހަކަށް ސައިޕްރަސް ގެ ޕާސްޕޯޓެއް ލިބެނީ ސައިޕްރަސް ނޫނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމެއްގައި 2.5 މިލިއަން ޑޮލަރު އިންވެސްޓު ކުރުމުންނެވެ. މިއީ ކޮރަޕްޝަންގެ އަމަލު ހިންގާ ބޮޑެތި ވިޔަފާރިވެރިންނާއި މަހުޖަނުންނާއި މަތީ ފަންތީގެ ސިޔާސީ ބޭފުޅުންނަށް ލިބޭ މާލީ މަންފާ އާއި ރައްކާތެރި ކަމަށް ބަލާއިރު ވަރަށް ކުޑަ އަދަދެއެގެ އިންވެސްޓްމެންޓެކެވެ.
ލީކުކޮށްލި ޑޮކިއުމެންޓުތަކުން ހާމަވެފައިވާ ގޮތުގައި 2017 އިން 2019 އާއި ދެމެދު ރަޝިއާ މީހުން ފިޔަވާ ދެވަނައަށް އެންމެ ގިނައިން ސައިޕްރަސްގެ ޕާސްޕޯޓް ގަނެފައި ވަނީ ޗައިނާގެ ބޮޑެތި މުއްސަނދީންނެވެ. ޗައިނާގެ ތަނަވަސް މީހުންގެ ތެރެއިން ޖަރީމާ އާއި ފަސާދަ ހިންގާ މީހުން ސައިޕްރަސް "ގޯލްޑަން ޕާސްޕޯޓް" ގަންނަން ފެށީ ޗައިނާގެ ރައީސް ޝީ ޖިން ޕިން 2012 ވަނަ އަހަރު ކޮރަޕްޝަނާ ދެކޮޅާށް "ޓައިގާޒް އެންޑް ފްލައި" ގެ ނަމުގައި އިއުލާން ކުރައްވާ ފެއްޓެވި މޫނަށާއި ކަނދުރާއަށް ބެލުމެއް ނެތި ފިޔަވަޅު އަޅާ ވަރުގަދަ ހަރަކާތުގެ ސަބަބުންނެވެ.
ޗައިނާއިން ކޮރަޕްޝަނާއި ދެކޮޅަށް ފެށި އެ ހަރަކާތާއެކު ޗައިނާގައި ތިބި ކޮރަޕްޓް ވިޔަފާރިވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ފެއަށް ޖެހި ނިވާވި އެވެ. އެއީ ޗައިނާގެ ސަރުކާރުން އެ ގައުމުގެ ވިޔަފާރިވެރިންނަނާއި މަތީ ފަންތީ މީހުން ފައިސާ ހޯދާ ގޮތާއި އެފައިސާ ރައްކާކުރާތަންތަނުގެ މައުލޫމާތު ހޯދަން ހަރުކަށި ގަވާއިދުތަކެއް ހަދާ އެކަން ތަންފީޒު ކުރަން ފެށުމާ ވެސް ގުޅިގެނެވެ. އެފަދަ އެންމެން ދަތުރު ހަދައިގެން ގޮސް ގެއްލެނީ ސައިޕްރަސްގެ ތެރެއިންލައިފަ އެވެ.
މެޑިޓެރޭނިއަން ކަނޑުގައިވާ ޖަޒީރާ ގައުމު ސައިޕްރަސްގެ "ގޯލްޑެން ޕާސްޕޯޓް" އެންމެ ގިނައިން ގަތް އެއްބަޔަކީ މެދުއިރުމަތީގައި ހަމަނުޖެހުންތައް ގިނަ ގައުމުތަކުގެ މީހުނެވެ. މިގޮތުން 350 އަށްވުރެ ގިނަ ޕާސްޕޯޓް ގަނެފައިވަނީ ލުބުނާނާއި މިސްރާއި ސީރިއާ އާއި ސައުދި އަރަބިއްޔާ އާއި ޔޫއޭއީގެ އިތުތު ދުރު އިރުމަތީގެ ގައުމުތަކުގެ މުއްސަނދީންނެވެ.