އިނގިރޭސި ގައުމީ ޓީމާއި ޕްރިމީއާ ލީގް ގަދަ ބާރަކަށް ވެފައިވާ ލެސްޓާ ސިޓީގެ އިތުބާރު ޑިފެންޑަރު ބެން ޗިލްވެލް ޗެލްސީއަށް ބަދަލުވެއްޖެ އެވެ.
އުމުރުން 23 އަހަރުގެ ޑިފެންޑަރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީއަށް ބަދަލުވާނެކަން މިދިއަ ހަފުތާއިން ފެށިގެން އޮތީ ޔަގީން ކުރެވިފަ އެވެ.
ޗެލްސީގެ ވެރިޔާ ރަަޝިޔާގެ ރޯމަން އަބްރޮމަވިޗްގެ އިރުޝާދަށް ކްލަބް އަލުން އަލުން ބިލްޑް ކުރަން ކޯޗް ފްރޭންކް ލަމްޕާޑް ފަށާފާއިވާ މަސައްކަތުގައި މިއީ ޗެލްސީއާ ގުޅޭ ވޯލްޑް ކްލާސް ތިން ވަނަ ޕްލެޔެރެވެ. މީގެ ކުރިން ވަނީ އަޔެކްސްގެ ހަކިމް ޒިޔޭޝް އާއި ލައިޕްޒީގްގެ ފޯވާޑް، ޖަރުމަނުގެ ޓިމޯ ވާނާ ޗެލްސީއަށް ގެންގޮސް ޕްރެކްޓިކްސްތަކުގައި ބައިވެރި ކުރުވަން ފަށާފަ އެވެ.
ޗެލްސީން ޗިލްވެލްގެ ސޮއި ހޯދި އިރު މެންޗެސްޓާ ސިޓީން ވެސް އޭނާއަށް ފާރަލަމުން ދިޔައެވެ. ޗިލްވެލް ޗެލްސީއަށް ބަދަލުވީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޗިލްވެލް ބަދަލުވީ 50 މިލިއަން ޕައުންޑުގެ ފީއަކަށެވެ. އެ ފީ ޗެލްސީ އާއި ލެސްޓާއިން ހާމައެއް ނުކުރެ އެވެ.
ޗިލްވެލް ބުނީ ކޯޗް ލަމްޕާޑްގެ ޒުވާން ސްކޮޑާއި ޗެލްސީ ފަދަ ބޮޑު ކްލަބަކަށް ބަދަލުވެވުމުން އުފާވާ ކަމަށެވެ. ސްޓޭމްފޯޑް ބްރިޖުގައި ކާމިޔާބު ހޯދަން ކެތް މަދުވެފައިހުރި ކަމަށެވެ. ޗެލްސީގެ ޑައިރެކްޓަރު މަރީނާ ވިދާޅުވި ގޮތުގައި ޗިލްވެލް ވަރަށް އަވަހަށް ޗެލްސީއަށް ހޭނޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ލެސްޓާގައި ޗިލްވެލް ކެރިއަރު ފެށީ 2015 ވަނަ އަހަރު އެވެ. ހަމަ އެ އަހަރު އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައި އޭނާ ވިދާލި އެވެ. އަދި ގައުމީ ޓީމަށް ކުޅުނު 11 މެޗުގައި ވެސް އޭނާ ފާހަ ކުރެވިފައި ވެއެވެ. އޭގެ ސަބަބުން އޭނާ ވެފައި ވަނީ އެ މަގާމުގައި އެސްލީ ކޯލަށް ފަހު އައި އެންމެ އިތުބާރު ވާތު ބެކަށެވެ. ޗެލްސީއަށް ޗިލްވެލް ބަދަލުވުމުން ވާތު ބެކަށް ކުޅުވުމުގައި މިދިއަ ސީޒަންތަކުގައި ޗެލްސީއަށް ދިމާވެފައި އޮތް ބޮޑު މައްސަލައަށް ފިކްސްވާނެ އެވެ. މިހާރު އެތަން ފޫބައްދަން ޗެލްސީން ބޭނުން ކުރަނީ ޑެޑްބޯލް އެކްސްޕާޓް މާކަސް އޮލޯންސޯ އާއި ބްރެޒިލަށް އުފަން އިޓަލީގެ އެމެސަނެވެ. އެއިން ކުޅުންތެރިއަކަށް ނުކުޅެވޭ ނަމަ އަދި ޓެކްޓިކަލް ބަދަލެއް ގެންނަ ނަމަ އެ ޒޯންގައި ކުޅުވަނީ ކެޕްޓަން އެޒްޕީލައްވަ އެވެ.
ޗިލްވެލް ޗެލްސީއަށް ބަދަލުވު އިރު ޕީއެސްޖީއާ ވަކިވުމުގެ ވަގުތު ޖެހިއްޖެ ކަމަށް އިއުލާންކޮށްފައިވާ ބްރެޒިލްގެ ތިއާގޯ ސިލްވާ ވެސް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީއަށް ބަދަލުވާން ވަނީ ގާތަގަނޑަކަށް ނިމިފަ އެވެ. އަދި ޖަރުމަނުގެ ބަޔާން ލެވަކޫސަންގައި ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާގެ ގޮތުން ބޮޑެތި ހުރހާ ކުލަބުން ފާރަލަމުން އައި ކައި ހާވާޒް ވެސް ވަނީ ލަންޑަންގެ ކްލަބަށް ބަދަލުވާން ގާތްގަނޑަކަށް ނިމިފަ އެވެ.