ގާސިމް އިބްރާހިމް

ބަރުލަމާނީ ނުގެވޭނެ، އޭގެ ފައިދާއެއް ނެތް: ގާސިމް

ބަރުލާނީ ނިޒާމަކީ ރައްޔިތުންނަށް ފައިދާހުރި ނިޒާމެއް ނޫން ކަމަށާ އެ ނިޒާމު ރާއްޖެއަށް ނުގެނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވެވި ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށައަޅުއްވާފަ އެވެ. މިދިއަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ޖާބިރު އެ މައްސަލަ ހުށައެޅުއްވިއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމާ އެމަނިކުފާނު ދެކޮޅު ކަމަށެވެ. ވެރިކަން ކުރާނެ ނިޒާމެއް ރައްޔިތުން ކަނޑައަޅާފައިވާ ކަަމަށާ އެ ނިންމުން ބަދަލު ކުރުމަށް ވޯޓް ނެގުމަކީ ބޭކާރު ކަމެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ރާއްޖެ ވެސް ބޮޑުވަޒީރަކު ހުރެގެން ހިންގި ދުވަސްތަކެއް މާޒީވެ ހިނގައްޖެ ކަމަށާ އެއީ ތަޖުރިބާކޮށް ފެއިލްވެފައިވާ ނިޒާމެއް ކަމަށެވެ. އަދި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ވަރަށް ހަރަދު ބޮޑު ނިޒާމެއް ކަމަށާއި އެހެން ކަމުން ރާއްޖެ ފަދަ ވަސީލަތްތައް މަދު، އިގްތިސޯދީ ފުއްދުންތެރިކަން ކުޑަ ގައުމަކަށް އެ ނިޒާމު ރަނގަޅު ނޫން ކަމަށެވެ.

"ބަރުލަމާނީއެއްގަައި ބޮޑުވަޒީރަކު ހުރެފައި ރައީސަކު ވެސް އެބަ ހުންނަވާ... ރަމްޒީ ބޭފުޅެއްގެ ގޮތުގައި ނަމަވެސް. އިގްތިސޯދީގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުުމުތަކަށް އެފަދަ ނިޒާމެއް ގެނައަސް ރާއްޖެ ފަދަ ގައުމަކަށް އެ ނިޒާމު ހަރަދު ވެސް ބޮޑު. އަދި ފައިދާ ވެސް ކުޑަ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ވެސް ރިޔާސީ ނިޒާމެއްގަ އެވެ. އެ ނިޒާމަކީ ރައްޔިތުންނާއި ވެރިން ގުޅުވައިދޭ ނިޒާމެކެވެ. ބަރުލަމާނީ ނިޒާމެއްގައި އެ ގުޅުމެއް ނޯންނާނެ އެވެ.

"ބައްލަވާ އެއް ކަމަކަށް، ރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާ ގޮތް. ބައެއް ބޭފުޅުން މިހާރުވެސް މަޖިލީހަށް މި އިންތިހާބު ވަނީ ވަރަށް މަދު އަދަދެއްގެ ބައެއްގެ ވޯޓުން. ކިތަންމެ މަދުން ނަމަވެސް ޕާލަމަންޓަށް ވަޑައިގަންނަވަންވީ. ދެން ރައްޔިތުންނާއި ގުޅުން ކެނޑުނީ. މެންބަރުންނާއި އޮންނަ ގުޅުން ވަރުގަދަކޮށް ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވަނީ. މިއީ ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރެވޭނެ ނިޒާމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމުން ހުޅުވައި ދެނީ ނުފޫޒުގަދަ ބާރުގަދަ މީހާއަށް ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމުގެ ދޮރެކެވެ. އަދި ހުރިހާ ރައްޔިތުންގެ ގާތަށް ނުގޮސް ހަމައެކަނި މަޖިލިސް މެދުވެރިކޮށް ވެރިކަމުގެ ގޮނޑިއަށް ވަޑައިގަތުމުގެ ފުރުސަތު އެ ނިޒާމުން ފަހިވެފައި އޮތުމަކީ މައްސަލައެކެވެ.

އެއީ ވަކި ބޭނުމަކު ދައްކާ ވާހަކަތަކެއް. މަކަރެއް އޮޅުވާލުމެއް އޮތް އިންތިހާބެއް ނޫން 2007 ގެ އެ ވޯޓަކީ. އެއީ ރައްޔިތުންގެ ނިންމުން. އަދިވެސް ރައްޔިތުންގެ ގާތަށް ދިޔަސް އެ ނިންމުން ނިންމާނެ. އެ ނިންމުން ބަދަލެއް ނުކުރާނެ،
ގާސިމް އިބްރާހިމް | މަޖިލިސް މެންބަރު

"މިހާރު އޮންނަ ގޮތުން ރައީސް ވެސް ނާއިބު ރައީސް ވެސް މަޖިލީސް މެންބަރުން ވެސް އެބަޖެހޭ ރައްޔިތުންގެ ކައިރިއަށް ދާން. އެ ގޮތަކަށް ނޫނެއް ނޫންތޯ ބަރުލަމާނީ މިއޮތީ؟ އެހެންވީމަ ސިޔާސީ އެދުމެއްނެތި އެއްޗެއް ދަންނަވާ ބޭފުޅަކު ވިއްޔާ ވިދާޅުވާނީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް،"

ގާސިމް ވަނީ 2007 ވަނަ އަހަރު ނެގުނު ނިޒާމު ވޯޓް އޮޅުވާލާފައިވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާފައި ވާތީ އެކަމަށް ވެސް ރައްދު ދެއްވާފަ އެވެ. ވިދާޅުވީ ނިޒާމީ ވޯޓްގައި އޮޅުވާލުމެއް ނެތް ކަމަށާ ވޯޓް އޮޅުވާލާފައިވާ ކަމަށް ވާހަކަ ދައްކަނީ އެހެން ބޭނުމެއްގައި ކަަމަށެވެ.

"އެއީ ވަކި ބޭނުމަކު ދައްކާ ވާހަކަތަކެއް. މަކަރެއް އޮޅުވާލުމެއް އޮތް އިންތިހާބެއް ނޫން 2007 ގެ އެ ވޯޓަކީ. އެއީ ރައްޔިތުންގެ ނިންމުން. އަދިވެސް ރައްޔިތުންގެ ގާތަށް ދިޔަސް އެ ނިންމުން ނިންމާނެ. އެ ނިންމުން ބަދަލެއް ނުކުރާނެ،" ގާސިމް ވިދާޅުވިއެވެ.