ހޮލީވުޑް

ލިއަނާޑޯ ޑިކެޕްރިއޯ އާއި ކްރިސްޓިއަން ބޭލް ސްޓީވް ޖޮބްސްގެ ރޯލު ނުކުޅުނީ ކީއްވެ؟


އެޕަލްގެ ކޯ-ފައުންޑާ އަދި ކުރީގެ ސީއީއޯ ސްޓީވް ޖޮބްސްގެ ހަޔާތުގެ މައްޗަށް ޑެނީ ބޮޔޭލް ޑައިރެކްޓްކޮށްފައިވާ ފިލްމު "ސްޓީވް ޖޮބްސް" ލިމިޓެޑް ޝޯތައް އިއްޔެ ފަށައިފި އެވެ. ފިލްމުގެ ރަސްމީ ޝޯތައް މި މަހުގެ 23 ވަނަ ދުވަހު ފަށަން ތައްޔާރުވަމުން އަންނައިރު ފިލްމާ ބެހޭ ގޮތުން ދެކެވޭ އެކި ވާހަކަތައް މި ދުވަސްކޮޅު ފަލަ ސުރުހީތައް އަތުލަމުން ގެންދާނެ ކަމަށް ބެލެވެ އެވެ.

އެގޮތުން މިހާރު ވެސް އެއް ވާހަކައަކަށް މި ވަނީ ސަމާލުކަން ލިބިފަ އެވެ. އެއީ މި ފިލްމުގެ މަސައްކަތް ހުއްޓުވުމަށް ޖޮބްސްގެ ހުވަފަތް އަނބި ލައުރީން ޖޮބްސް ޖެއްސި ވަރުގަދަ ކެމްޕޭނުގެ ވާހަކަ އެވެ. ބުނެވޭ ގޮތުގައި މި ފިލްމުގައި ޖޮބްސްގެ ރޯލު ކުޅެން އެންމެ ފުރަތަމަ ހުށަހެޅި މަޝްހޫރު ދެ އެކްޓަރުން ކަމުގައިވާ ލިއަނާޑޯ ޑިކެޕްރިއޯ އާއި ކްރިސްޓިއަން ބޭލް ވެސް އެ ފުރުސަތު ދޫކޮށްލީ ލައުރީން އެކަމަށް އެދި އާދޭސްކޮށްގެންނެވެ.

ދަ ހޮލީވުޑް ރިޕޯޓާ އިން "ސްޓީވް ޖޮބްސް" ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ އިސް ފަރާތަކާ ހަވާލާދީ ބުނެފައި ވަނީ މި ފިލްމެއްގެ މަސައްކަތް ފެށީއްސުރެ އޭގެ މަސައްކަތް ނާކާމިޔާބުކޮށްލުން ވެފައި އޮތީ ލައުރީންގެ ނިކަން ބޮޑު އެދުމަކަށެވެ. އެގޮތުން ފިލްމުގެ ލީޑް ރޯލު ޑިކެޕްރިއޯ އަށް ދޭން އުޅޭކަން އެނގިގެން އެ ރޯލު ނުކުޅުމަށް އެދި ލައުރީން ޑިކެޕްރިއޯ އަށް ގުޅައިގެން އާދޭސްކުރި ކަމަށް އެ ފަރާތުން މައުލޫމާތު ދީފައިވެ އެވެ.

ކްރިސްޓިއަން ބޭލް ގާތު ވެސް ޖޮބްސްގެ ރޯލު ނުކުޅެން ލައުރީން އެދުނީ ހަމަ އެގޮތަށެވެ.

ފިލްމުގެ މަސައްކަތް ހުއްޓުވުމަށް ލައުރީން ކުރި މަސައްކަތް ނާކާމިޔާބުވި ނަމަވެސް ފިލްމުގައި އޭނާގެ ރޯލު އެއްގޮތަކަށް ވެސް ގެނެސްދީފައެއް ނުވެ އެވެ. ނަމަވެސް ޖޮބްސް އަށް އެހެން އަންހެނަކާ އެކު ލިބިފައިވާ އޭނާގެ އަލަތު ދަރިފުޅު ލީސާގެ ނިކަން ބޮޑު ރޯލެއް ފިލްމުގައި ހިމަނާފައިވެ އެވެ.

ފިލްމުގައި އެންމެފަހުން ޖޮބްސްގެ ރޯލު ކުޅެފައި ވަނީ މެތަޑް އެކްޓިން އަށް މަޝްހޫރު މިކައެލް ފަސްބެންޑާ އެވެ. އޭނާ ޖޮބްސްގެ ރޯލު ކުޅެފައިވާ ގޮތް ފުރިހަމަކަމުން އެޕަލްގެ އަނެއް ކޯ-ފައުންޑާ ވޮޒް ވަނީ މި ފިލްމު ބެލުމަށް ފަހު ފިލްމަށް ނިކަން ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ މި ފިލްމަކީ ސްޓީވް ޖޮބްސްގެ އިހްސާސްކުރެވުނު ފުރިހަމަ އަށް ކުރެވުނު ފިލްމެއް ކަމަށެވެ.

ޖޮބްސްގެ ރޯލުން ފަސްބެންޑާ އޮސްކާގެ މޮޅު އެކްޓަރުގެ ރޭހަށް ނުކުންނާނެ ވާހަކައިގެ އަޑު ވެސް މިހާރު އޮތީ ވަރަށް ގަދަކޮށެވެ.