ކުޅިވަރު

އެމެރިކާގެ އެތުލީޓުން ކުޅިވަރުތައް ބޮއިކޮޓް ކޮށްފި

އެމެރިކާގެ ފުލުހުން ކަޅު ނަސްލު މީހެއްގެ ގަޔަށް ބަޑި ޖެހުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގެ އެންބީ އާއި ބޭސްބޯލް ޓީމުތަކުން ކުޅިވަރުތައް ބޮއިކޮޓް ކޮށްފި އެވެ.

އިއްޔެއަކީ އެމެރިކާގެ އެންބީ އޭ ތާރީހުގައި ފާހަގަ ކުރެވޭ ދުވަހެކެވެ. އެމެރިކާގެ މިލްވޯކީ ބަކްސް އިން ވަނީ އެންބީއޭގެ ޕްލޭއޮފްގައި އޮލާންޑޯ މެޖިކް ޓީމާ ދެކޮޅަށް ކުޅެން އޮތް މެޗު ބޮއިކޮޓް ކޮށްފަ އެވެ. އެ މެޗު ފަސް ކުރަން ޖެހުމުން އިއްޔެ އާއި ރޭ ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

މަލްވީކީއަށް ނިސްބަތްވާ ބޭސްބޭލް ޓީމު ބުރޫވާއިން ވެސް ވަނީ އެ ކުލަބު ކުޅެން ހަމަޖެހިފައިވާ މެޗު ވެސް ނުކުޅޭނެ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޭކޮބް ބްލޭކް ގަޔަށް ބަޑި ޖަހި ވީޑިއާއެއް މިދިޔަ އާދިއްތަ ދުވަހު ވަނީ ލީކް ވެފަ އެވެ. އޭނާގެ ގަޔަށް ފުލިހުން ބަޑި ޖަހާފައި ވަނީ އޭނާގެ ކާރު ދޮރު ހުޅުވަން އުޅުމުންނެވެ. ބްލޭކްގެ އާއިލާއިން ބުނީ، އޭނާގެ އުނގަނޑުން ތިރި ވާގި ނެތިފައިވާ ކަމަށެވެ. ބަޑި ޖެހުމުގެ އެ ހާދިސާ ހިނގީ ވިސްކޮންސިންގެ ކެނޯޝާގަ އެވެ. އެއީ މިލްވޯކީ އާ 40 މޭލް ދުރުގައިވާ ސަރަހައްދެކެވެ.

މިލްވޯކީ ބަކްސްއިން މެޗު ބޮއިކޯޓް ކުރާ ކަމެއް ކުރިން އަންގާފައެއް ނުވެ އެވެ. މެޗު ކުޅެން ކޯޓަށް ހަޒިރުވާން ޖެހޭ ވަގުތުގައި ލޮކާރޫމުން އެ ޓީމު ފެނިފަ އެއް ނުވެ އެވެ. އޭގެ ފަހުން އެ ކުލަބުން ނެރުނު ބަޔާނުގައި ވަނީ ޖޭކޮބް ބްލޭކަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފަ އެވެ. އަދި ކަޅު ނަސްލު މީހުންނާ ދެކޮޅަށް ހިނގާ ކަންކަން ހުއްޓުވުމުގައި ސެނެޓްގެ މެންބަރު މަސްއޫލިއްޔަތު އަދާ ކުރުމަށްވެސް އެ ކުލަބުން ވަނީ ގޮވާލާފަ އެވެ.

އެމެރިކާގެ އެންބީއޭ އަދި ބޭސްބޯލްގައި ގިނަ އަދަދަކަށް ކަޅު ނަސްލުގެ ކުޅުންތެރިން ހަރަކާތްތެރިވެއެވެ. އެމެރިކާގެ ކަލު ނަސްލުގެ އެހެން މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ ގަޔަށް މެއި މަހު ފުލުހުން ބަޑިޖަހައި މަރާލުމުން އެކަމާ ދެކޮޅަށް ގިނަ އެތުލީޓުން ވަނީ އަޑު އުފުލާފަ އެވެ.