ޓްރާންސްފާ މާކެޓް

ވިޑާލް އިންޓައަށް ސޮއި ކުރުވަން ކޮންޓޭ އެދިއްޖެ

ބާސެލޯނާގެ އޭޓޭކިން މިޑްފީލްޑާ އާޓޫރޯ ވިޑާލްގެ އިންޓަ މިލާންއަށް ގެންދިއުމަށް އެދި އިންޓަގެ މެނޭޖުމެންޓްގެ ކިބައިން، ކޯޗް އެންޓޯނިއޯ ކޮންޓޭ އެދިއްޖެ އެވެ.

ކުރިން ޔުވެންޓަސްގައި ވިޑާލްއަށް ކޯޗް ކޮށްދިން ކޮންޓޭ ވިޑާލްގެ އޭނާގެ މިހާރުގެ ޓީމަށް ގެނައުމަށް ވަަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުއްޓެވެ. ވިޑާލްގެ ސޮއި ހޯދުމަށް އިންޓައިން މިހާރު ވަނީ ބާސާއަށް ބިޑް ހުށަހަޅާފަ އެވެ. އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި ހުށަހެޅި 10 މިލިއަން ޔޫރޯ އަކީ ބާސާ ހިތްހަމަޖެހޭ އަގަކަށް ވެދޭނެ ކަމެއް ނޭންގެ އެވެ.

ވިޑާލް،33 ބާސާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަ ވާނީ އަންނަ އަހަރު ޖޫން މަހު އެވެ. ބާސެލޯނާގެ ކޯޗް ކަމާ މިދިޔަ ހަފުތާގައި ހަވާލުވި ރޮނަލްޑް ކޫމަން ވަނީ، އޭނާގެ ޕްލޭންގައި ވިޑްލް ނުހިމެނޭކަމަށް އަންގާފަ އެވެ.

ސްކައި ސްޕޯޓްސް އިޓާލިއާއިން ބުނީ، ވިޑާލް އެޖެންޓާއެކު ޓްރާންސްފާ ގުޅޭގޮތުން ވާހަކަތައް އިންޓައިން ފަށާފައިވާ ކަމަށެވެ. ވިޑާލްގެ އެޖެންޓަކީ އިންޓަގެ ފޯވަޑް އެލެކްސިސް ސަންޗޭޒްގެވެސް އެޖެންޓެވެ. ދެ ފަރާތުގެ ދެމެދުގައި މިހާރުވެސް ރަނގަޅު ގުޅުމެއް އޮތުމަކީ ވިޑާލްގެ ޓްރާންސްފާގައި އިންޓައަށް ފަސޭހަ ވާނެ ކަމެކެވެ.

ބާސާގައި މިހާރު އޮތީ އުނދަގޫ ހާލަތެކެވެ. ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކުލަބު ދޫކޮށްލަން ބޭނުންވާކަން އޭނާ ވަނީ އަންގާފަ އެވެ. ކޫމަންގެ ޕްލޭންގައި ބާސާގެ ސީނިއާ ބައެއް ކުޅުންތެރިން ނުހިމެނޭކަން އަންގާފައި ވާތީ ބައެއް ކުޅުންތެރިން ކުލަބުން ދޫކޮށްލާނެ އެވެ.