ކުޅިވަރު

ޕާކިސްތާން އެފްއޭއާ ދެކޮޅަށް ނޮގޭރާ ކާމިޔާބު ހޯދައިފި

ޕާކިސްތާންގެ ކުރީގެ ކޯޗް ބްރެޒިލްގެ ހޯޒޭ ނޮގޭރާއަށް އެގައުމުގެ އެފްއޭއިން ނުދީ ހުރި މުސާރައިގެ މައްސަލަ، ފީފާއިން ނޮގޭރާ އާ އެއްކޮޅަށް މައްސަލަ ނިންމައިފި އެވެ.

ޕާކިސްތާންގެ ޓީމުގެ ކޯޗަކަށް ނޮގޭރާ ހަމަޖެއްސީ އޭޕްރީލް 2018 ގަ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ޕާކިސްތާން ވަނީ އެ އަހަރު ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށްދަތުރު ކޮށްފަ އެވެ.

ޕާކިސްތާންގެ ފެޑްރޭޝަނަށް ފީފާއިން ކަނޑައަލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ހަމްޒާން ހާން ބުނީ، ޑިސެމްބަރު 2019 ގައި ނޮގޭރާގެ ކޮންޓްރެކްޓް އުވާލާފައިވާނެ ކަމަށެވެ. ހަމްޒާ ބުނީ ފީފާގެ ޕްލޭއާ ސްޓެޓަސް ކޮމިޓީން ނިންމި މަައްސަލަ ޕާކިސްތާންގެ އެފްއޭއިން އިސްތިއުނާފް ކުރާނެ ކަމަށެވެ.

ނެގޯރާގެ ފަރާތުން މައްސަލަ ހުށަހެޅީ ޖަނަވަރީ މަހު އެވެ. ފީފާގެ ޕެލޭއާ ސްޓެޓަސް ކޮމިޓީގައި ނޮގޭރާގެ ފަރާތުން ވަކާލާތު ކުރި ސްޕޯޓްސް ވަކީލް އެލެގްޒެންޑާ މިރަންޑާ ބުނީ ކޮންޓްރެކްޓްގެ ދަށުން ޖޫން 2019 އާ ހަމައަށް ނޮގޭރާއަށް ބަރާބަރަށް މުސާރަ ދެމުން ދިޔަ ކަމަށެވެ އޭގެ ފަހުން އޭނާ އަށް މުސާރަ ދިނުނުން ޕާކިސްތާންގެ އެފްއޭއިން ހުއްޓާލި ކަމަށް އެލެގްޒެންޑާ ބުންޏެވެ.

"ނޮގޭރާ އަށް ވަނީ މައްސަލަ ކާމިޔާބު ވެފަ އަހަރެމެންނަށް އެކަން އެންގީ އޯގަސްޓް 14 ގައި," އެލެގްޒެންޑާ ބުންޏެވެ. "މިހާހިސާބުން ޕީއެފްއެފްއިން ފައިސާ ދައްކަން ޖެހޭނެ ފައިސާ ނުދައްކައިފިނަމަ މައްސަލަ ދެން ދާނީ ފީފާ ޑިސިޕްލިނަރީ ކޮމިޓީއަށް އެއަށް ފަހުވެސް ފައިސާ ނުދައްކައިފިނަމަ ދެން އަންނާނީ ޑިސިޕްލިނަރީ ފިޔަވަޅެއް."

ޕާކިސްތާންގެ ފެޑްރޭޝަނުން، ނޮގޭރާއަށް ދޭން ޖެހޭނީ ކިހާ ފައިސާއެއްތޯ ޕާކިސްތާންގެ ދަ ނިއުސް އިން ސުވާލު ކުރުމުން އެލެގްޒެންޑާ ބުނީ އެ އަދަކީ ސިއްރެއްގެ ގޮތުގައި ބޭއްވުމަށް އެއްބަސް ވެފައިވާ ކަމަށެވެ.