ބޭރު ކުޅިވަރު

ލިވަޕޫލްގެ ކޯޗަކަށް ކްލޮޕް، މުސާރަ ފަސް މިލިއަން ޕައުންޑް

ލިވަޕޫލްގެ ކޯޗުކަމުގެ މަގާމަށް ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކޯޗު ޖާގަން ކްލޮޕް ހަމަޖައްސައިފި އެވެ.

އުމުރުން 48 އަހަރުގެ ކޯޗު ލިވަޕޫލާ ހަވާލުވީ އަހަރަކު ފަސް މިލިއަން ޕައުންޑްގެ މުސާރައަކަށް ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކޮށްފިނަމަ ނުވަތަ ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައިވެއްޖެނަމަ ބޯނަސްއާއެކު އޭނާ އަށް އަހަރަކު ހަތް މިލިއަން ޕައުންޑް ލިބޭނެ އެވެ.

ފާއިތުވެދިޔަ ތިން އަހަރާއި ބައިގައި ލިވަޕޫލްގެ ކޯޗަކަށް ހުރީ އުތުރު އަޔަލޭންޑްގެ ބްރެންޑަން ރޮޖާސް އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރީ އިނގިރޭސި ޕްރެމިއާ ލީގުގެ ތާވަލުގެ 10 ވަނަ އަށް ލިވަޕޫލް ވެއްޓުމުންނެވެ. އަދި އަމިއްލަ ދަނޑުގައި ކުޅުނު ގިނަ މެޗުތަކަކުން މޮޅުނުވެ ދިއުމާއި އޭނާ ގެ ކޯޗުކަމުގައި ކާމިޔާބީ އެއް ނުލިބުމުންނެވެ.

ޑޯޓްމުންޑާއެކު ޖަރުމަނު ލީގު ދެ ފަހަރު ކާމިޔާބުކުރި ކްލޮޕް ލިވަޕޫލާ ހަވާލުވީ ކުޅުންތެރިން ގަނެވިއްކުމުގެ ހުރިހާ ބާރެއް އޭނާ އަށް ދޭން އެކުލަބުން އެއްބަސްވުމުންނެވެ. ކުރިން މިކަން ކުރަނީ ޓްރާންސްފާ ކޮމިޓީއެއްގެ ލަފާގެމަތިންނެވެ.

ކްލޮޕްގެ ފުރަތަމަ މެޗަކަށްވާނީ މި މަހުގެ 17 ވަނަ ދުވަހު ޓޮޓެންހަމާދެކޮޅަށް ކުޅޭ މެޗެވެ.