ކުޑަކުދިން ގޮވައިގެން މޫދަށް ގޮސް އުޅޭއިރު ވަރަށް ބޮޑަށް އެ ކުދިންނަށް ބަލަން ޖެހެ އެވެ. ނޫނީ ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް މީހުން ގިނައިން މޫދުގައި އުޅޭ ވަގުތު ކުއްޖާ އަށް ރަނގަޅަށް ނުބެލިއްޖެނަމަ އެ ކުއްޖާ އަށް ވީނުވާ ނޭނގި ބޮޑު ގެއްލުމެއް ލިބުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. މިކަހަލަ ބައެއް ހާދިސާތަކުގައި ކުދިންނަށް އެކި އަނިޔާތައް ލިބި، ލޮނު ބޮވި އަދި ބައެއް ފަހަރަށް ފުރާނައަށް ގެއްލުން ވެފައި ވެސް އެބަހުއްޓެވެ.
ގްރީސްގެ ޓައުނެއް ކަމަށްވާ އެންޓީރިއޯގައި ދާދިފަހުން ހިނގި މިފަދަ ހާދިސާއެއްގައި ވައި ޖަހާފައިވާ ޔުނިކޯންއެއްގައި އިން ކުޑަ ކުއްޖެއް ވަނީ އޮޔާއެކު ކަނޑަށް ދަމައިގެންފަ އެވެ. އެ ހިސާބުގަނޑުގައި އެ ވަގުތު އޮއި ވަރަށް ގަދަ ކަމުން އޭނާ ސަލާމަތްކުރަން އެއްވެސް މީހަކަށް ފަތާފައި ނުދެވުނެވެ. ނަސީބަކުން އެ ހިސާބުން ދަތުރުކުރި ފެރީއަކަށް ކުއްޖާ ފެނިގެން އައިސް ފެރީއަށް ނެގިކަމުން ކުއްޖާގެ ފުރާނަ ސަލާމަތްވި އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އުމުރުން ހަތަރެއް ނުވަތަ ފަސް އަހަރުގެ މި ކުއްޖާ މޫދަށް އެރި އުޅުނީ އޭނާގެ މައިންބަފައިންނާ އެކުގަ އެވެ. އެ ކުއްޖާ އިން ވައިޖަހާފައިވާ ޔުނިކޯން އޮޔާ ކަނޑަށް ދަމައިގަނެގެން އޭނާގެ މައިންބަފައިންނާ ގާތްގަނޑަކަށް ބައި މޭލެއްހާ ދުރަށް ދިޔަ ކަމަށް ވެއެވެ.
އެ ކުއްޖާ އޮޔާ ދިޔަ ކަން އޭނާގެ މައިންބަފައިންނަށް ރޭކާލީ މާ ފަހުންނެވެ. އެމީހުން ކުއްޖާ ހޯދަން ފެށިއިރު އެ ކުއްޖާ ލޮލަށް ފެންނަ ހިސާބަށް ވުރެ މާ ދުރަށް ބެހިގެން ވަނީ ގޮސްފަ އެވެ. ވަގުތުން ޕޯޓް އޮފިޝަލުންނަށް ގުޅައި މި ވާހަކަ ރިޕޯޓު ކުރުމުން އެހިސާބުގަނޑުން އެ ވަގުތު ދަތުރުކުރަމުންދިޔަ ފެރީގެ ކެޕްޓަނަކަށް ޕޯޓު އޮފިޝަލަކު ގުޅައި އެ ކުއްޖާ ހޯދައިދިނުމަށް އެދުނެވެ.
ފިޔާތޮށިކުލައިގެ ޔުނިކޯންގައި އިން މި ކުޑަ ކުއްޖާ ހޯދާކަށް އެ ފެރީގެ ކެޕްޓަނަށް މާ އުނދަގޫ ކަމަކަށް ނުވި އެވެ. އެ ކުއްޖާ ފެނުމާއެކު ވަގުތުން ފެރީ ކައިރިކޮށް ޔުނިކޯން އާއެކު ކުއްޖާ ފެރީއަށް ނެގީ އެވެ. ބޯޓުގެ ކެޕްޓަން ބުނި ގޮތުގައި އެވަގުތު އެހިސާބުގަނޑުގެ އޮއި ގަދަކަމުން އޮޔާ އެ ކުއްޖާ ގެންދިޔަލެއް ބާރުކަމުން ކުޑަ ކުއްޖާ އިނީ ބިރުން ގޮސް ގަނޑުވެފަ އެވެ.
އޭނާ ފެރީ ކައިރި ކުރީ އޭގެ ރާޅުބާނިން ކުއްޖާ އިން ޔުނިކޯން އަށް އިތުރު ލޮޅުންތަކެއް ނާރާހާ މަޑުމަޑުން ފަރުވާތެރިކަމާއެކު ކަމަށާއި އެހެންވެ ކުއްޖާ ނެގުމުގައި އިތުރު އުނދަގޫތަކެއް ކުރިމަތިނުވި ކަމަށް ކެޕްޓަން ބުންޏެވެ.
މި ކުއްޖާ ޔުނިކޯންގައި ބައްދާލައިގެން ކަނޑުމަތީ އިންދާ ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.
ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދިނީތީ މި ކުއްޖާގެ މައިންބަފައިން ފެރީގެ ކެޕްޓަނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރި އެވެ. ނަމަވެސް ކެޕްޓަން ބުނީ މިއީ ޝުކުރު ހައްގު މަސައްކަތެއް ނޫންކަމަށާއި އޭނާ ނޫން އެހެން މީހަކު ނަމަވެސް މިކަން ކުރާނީ މިގޮތަށް ކަމަށާއި ކުޑަ ކުއްޖާ ސަލާމަތްކުރަން އެ ކުއްޖާ ފެނުނު ކޮންމެ މީހަކު ވެސް ކުރާނެ ކަމަށެވެ.