ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރިއު ހޮޓެލްސް އަލުން ހުޅުވައިފި

Aug 27, 2020

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ރިއު ހޮޓެލްސް ކުންފުނިން ރާއްޖޭގައި ހިންގާ ދެ ރިސޯޓު ވެސް އަލުން ހުޅުވައިފި އެވެ.

ސްޕޭންގެ ކުންފުންޏަކުން ދ. އަތޮޅުގައި ހިންގަމުން ގެންދާ ރިއު ހޮޓެލްސް ކުންފުނިން ރާއްޖޭގައި ހިންގާ ހޮޓެލް ރިއު ޕެލެސް މޯލްޑިވްސް އާއި ހޮޓެލް ރިއު އެޓޯލް އަލުން ހުޅުވާލާފައި ވަނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެނެވެ.

މި ރިސޯޓު އަލުން ހުޅުވިއިރު ސިއްހީ ގޮތުން ރައްކާތެރިކަމުގެ ހާއްސަ މިންގަނޑުތަކަށް އަމަލު ކުރަން ފަށާފައިވެ އެވެ.

ރިއު ހޮޓެލްސްގެ ރިސޯޓުތައް ހުޅުވުމެ ގޮތުން ކޮންސެލްޓެންސީ ފާމެއް ކަމަށްވާ ޕްރިވަރިސްކް ކުންފުންޏާ ގުޅިގެން ހާއްސަ ސިއްހީ މެނުއަލެއް ތައާރަފު ކޮށްފަ އެވެ. އެ މެނުއަލްގައިވާ ގޮތުން ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރި ކަމަށްޓަކައި ގިނަ ފިޔަވަޅު ތަކެއް ވަނީ އަޅާފަ އެވެ.

ކޮންމެ ދުވަހު ރިސޯޓުގެ މުހިންމު ތަންތަން ޑިސް އިންފެކްޓް ކުރާއިރު ކޮޓަރިތަކާއި އެ ނޫން ވެސް ތަންތަން ހާއްސަ ސަމާލުކަމެއް ދީގެން ސާފު ކުރާނެ އެވެ.

ރިއު ކުންފުނިން ރާއްޖޭގައި ދެ ރިސޯޓު ހުޅުވާފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ ކުންފުނިން ހުޅުވި އެއް ރިސޯޓަކީ ހޮޓެލް ރިއު ޕެލަސް މޯލްޑިވް އެވެ. އަދި އަނެއް ރިސޯޓަކީ ހޮޓެލް ރިއު އެޓޯލް އެވެ. ރިއު އެޓޯލްއަކީ ޕްރައިވެޓް އައިލެންޑެކެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހައެއްކަ ރިސޯޓު ނޫން ހުރިހާ ރިސޯޓެއް ބަންދު ކުރި އެވެ. ނަމަވެސް މިހާރު ގިނަ ރިސޯޓުތަކެއް ވަނީ ހުޅުވާފަ އެވެ.