ޝިފާ މުހައްމަދު

ޝިފާގެ އިތުބާރުނެތް މައްސަލަ ކުރިއަށް ނުގެންދަން އެލްޖީއޭއިން އަންގައިފި

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސިޓީގެ ކައުންސިލަށް ހުށަހަޅައި އެކަމަނާ ޖަވާބުދާރީވެ ވަޑައިގަތުމަށް މުއްދަތު ދީފައިވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

ފުރަތަމަ އަންހެން މޭޔަރުގެ އިތުބާރުގެ މައްސަލަ އައީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ފަޒީނެވެ. އިތުބާރުގެ މައްސަލައެއް އެކަމަނާ މައްޗަށް ވެއްދީ ކައުންސިލް ހިންގެވުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށް ތުހުމަތަކެއް ކޮށެވެ. އެކަމަނާއާއެކު ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ވެސް ހުށަހެޅި އެވެ.

ޝިފާގެ މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ނުވަ ކައުންސިލަރަކު ވޯޓް ދެއްވި އިރު އެ މައްސަލަ އަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މިމަހުގެ 18 ވަނަ ދުވަހު 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

އެ މައްސަލައަށް އެމްޑީޕީގެ އިސް ބޭފުޅުން ނުފޫޒު ފޯރުވާ، މައްސަލަ ކުރިއަށް ނުގެންދިއުމަށް އަންގަމުންދާ ކަމަށް އަޑުފެތުރިފައިވެއެވެ.

އެލްޖީއޭގެ ސީއީއޯ އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ސޮއިކުރައްވާ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މޭޔަރުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެން އެލްޖީއޭއިން އިންކުއަރީއެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި މައްސަލަ ރައްދުވާ އެއް ކައުންސިލަރަކު ހުށައަޅާފައިވާ މާލެ ސިޓީގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުން ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.

"ވީމާ މި އޮތޯރިޓީގެ ސިޓީގައި ބަޔާންކޮށްފައިވާ އިންކުއަރީ ހެދުމުގެ މަސައްކަތް އޮތޯރިޓީން ކުރަމުން ގެންދާ މި ދަނޑިވަޅުގައި މައްސަލަ ރައްދުވާ ކައުންސިލަރަކު ހުށައަޅުއްވާފައިވާ ތިޔަ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓް މިވަގުތު ކުރިއަށް ނުގެންދިއުމަށް ދެންނެވީމެވެ،" މިއަދު އެލްޖީއޭއިން ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.