ވިޔަފާރި

ބިދޭސީ ރެޕުން: ޓޫރިޒަމް ހަޑިކުރަނީ!

  • ބިދޭސީން ރެޕުންގެ ސަބަބުން ޓޫރިސްޓުންގެ ޝަކުވާ ބޮޑު
  • މިއީ ރާއްޖޭގެ މޫނު މަތި ހުތުރުވާނެ ކަމެއް
  • މިފަދަ ރެޕުން ޓޫރިސްޓުން އަތުން ފައިސާ ހޯދުމުގެ މައްސަލަ ބޮޑު

"މިހާރު ތިކަން ބޮޑު ދުއްތުރާއަކަށް ވެއްޖެ. ބިދޭސީން ގިނަވުމުން ޓޫރިޒަމަށް ދަނީ ބޮޑު ގެއްލުމެއް ލިބެމުން،" އެއާޕޯޓުގައި މަސައްކަތް ކުރާ ދިވެހި ރެޕެއް ބުނީ މިހެންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފުޅާވެގެން ދިއުމާއެކު ޓޫރިޒަމުން މިވަނީ ގިނަ ވަޒީފާތަކެއް އުފެދިފަ އެވެ. ހާއްސަކޮށް ގެސްޓް ހައުސްތަކުން ގިނަ ވަޒީފާތަކެއް އުފެދިއްޖެ އެވެ. މިއާއެކު ގެސްޓް ހައުސްތަކުގެ ޓޫރިސްޓުންނާ ސީދާ ގުޅުންހުރި ވަޒީފާތަކަށް ގިނަ ބިދޭސީން މިވަނީ ނުކުމެފަ އެވެ. މީގެ ތެރޭގައި ގެސްޓުން ގޮވައިގެން އުޅޭ ޓުއާ ގައިޑުންނާއި އެއާޕޯޓް ރެޕުންގެ ގޮތުގައި ގިނަ ބިދޭސީން އެބަ ތިއްބެވެ. މިކަމާއެކު ޓޫރިޒަމަށް މިވަނީ އިތުރު މައްސަލައަކާ ކުރިމަތިވެފަ އެވެ.

އެއާޕޯޓުގައި މަސައްކަތް ކުރާ ރާއްޖޭގެ މަޝްހޫރު ރިސޯޓެއްގެ ރެޕަކު ބުނީ ގެސްޓް ހައުސްތަކުން އަންނަ ބިދޭސީންގެ މައްސަލަ ބޮޑު ކަމަށެވެ.
"ސާވިސް އިންޑަސްޓްރީއަކީ ވަކި ހުނަރެއް ހުރެގެން އުޅެވޭނެ އިންޑަސްޓްރީއެއް. ނަމަވެސް މިހާރު މި އޮންނަ ގޮތުން ރާއްޖޭގައި މަގު ހަދަން ގެންނަ ބިދޭސީން ވެސް ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރަންވީ. އެ މީހުންނަކީ ރެޕުންގެ ގޮތުގައި މަސައްކަތް ކުރޭ،" ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރިސޯޓުގެ ފަރާތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ އެއާޕޯޓް ރެޕެއް ބުންޏެވެ.

މި މައްސަލަ މިހާރު މިވަނީ މުޅި އިންޑަސްޓްރީއަށް އަސަރުކުރާވަރުގެ ބޮޑު މައްސަލައެއްގެ ގޮތުގައި ފެންމަތިވެފަ އެވެ.

މޯލްޑިވްސް ޓުއާ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ބިދޭސީން ޓުއާ ގައިޑުންނާއި ރެޕުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ބޮޑު މައްސަލައެއް ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ރާއްޖޭން ބޭރުވެގެން ދިއުމާއި ޓޫރިޒަމަށް މި މީހުންގެ ސަބަބުން ވަރަށް ހުތުރު ނަމެއް ލިބެމުންދާ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިކަން ހުއްޓުވަން ދިވެހިންނަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން ޖެހިއްޖެ. މިހާރު ގެސްޓު ހައުސްގައި އިންނަ ބިދޭސީ މީހާ އެއާޕޯޓް ރެޕަކީވެސް. އެ މީހުންނަކީ ރިސެޕްޝަނިސްޓަކީވެސް. މީގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭ،" ޝިޔާމް ވިދާޅުވި އެވެ.

މި ޝަކުވާއަކީ މީގެ ކުރިންވެސް ދޭތެރެއަކުން އަންނަ ޝަކުވާ އެކެވެ. ނަމަވެސް މި ފަހަކަށް އައިސް މި މައްސަލަ މިވަނީ ސީރިއަސްވާން ފަށާފަ އެވެ. މީގެ އެއް ސަބަބަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެން ދިއުމެވެ. މިއާއެކު ކަމާބެހޭ ފަރާތްތަކުން މިކަން އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓް ނުކުރެވުމެވެ. މި މައްސަލައިގެ އިތުރުން ހުއްދަނެތި މަސައްކަތްކުރާ ޓުއާ ގައިޑުންގެ "ދުއްޕާން ވެސް" މިހާރު ލައްކަ ބޮޑު ވެއްޖެ އެވެ. މިގޮތަށް ގިނައިން މަސައްކަތްކުރަނީ ދިވެހިންނެވެ. މިއީ ވެސް ޓޫރިޒަމްގެ މޫނުމަތި ހަޑިވެގެންދާނެ ސަބަބެކެވެ.

ޝިޔާމް ވިދާޅުވީ މި މައްސަލަތައް ޓޫރިޒަމް މިނިސްޓްރީއަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށާއި، ނަމަވެސް މިކަމަށް "ހައްލެއް" ނުލިބުނު ކަމަށެވެ.

"މިކަން ހުއްޓުވައިދޭން ސަރުކާރުގައި އެތައް ފަހަރަކު އެދުނިން. މީގެ އިތުރުން އެއާޕޯޓް ރެޕުންގެ ކައިރީ އެވާހަކަ ބުނަން. އެތަށް ފަހަރަކު. ނަމަވެސް މިކަމަށް ހުއްޓުމެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން މާލެ އަންނަ ޓޫރިސްޓުންގެ އަތުން ފޭރުމުގެ މައްސަލަ ވެސް ބޮޑުވެފައިވާ ކަމަށެވެ.

"އޮޅުވާލައިގެން އެއްޗިހި ވިއްކުމަކީ ވެސް މިހާރު އާއްމު ކަމެއް. މިކަން ބޮޑު ވެގެން ޗައިނާ ސަރުކާރުން ޓޫރިސްޓުންނަށް އެކަން ވަނީ މިހާރު އަންގާފަ. އަޅުގަނޑުމެން އިއްޔެ ޗައިނާ އެމްބަސީއަށް ގެންގޮސް އެމީހުން އެ ކޮމްޕްލެއިން ކޮށްފި،" ޝިޔާމް ވިދާޅުވި އެވެ.

ހުއްދަނެތް މީހުން ޓޫރިސްޓުން ގޮވައިގެން އުޅުމަކީ ރާއްޖޭގެ ޓޫރިޒަމް ގާނޫނުގެ ދަށުން މަނާކަމެކެވެ. މިގޮތަށް އުޅޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބެ އެވެ. މިގޮތަށް މަސައްކަތް ކުރާ ފަރާތްތައް 25،000ރ. އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަކަށް ޖޫރިމަނާ ކުރެވިދާނެ އެވެ. ނަމަވެސް މިގޮތަށް އުޅޭ މީހުން ހުއްޓުވުމަށް ޓޫރިޒަމް މިނިސްޓްރީ އޮތީ ނުކުޅެދިފަ އެވެ. މިކަން ނުހުއްޓުވިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟

ޝިޔާމް ވިދާޅުވީ ޓޫރިސްޓުންގެ އަތުން ފައިސާއަށް ޑިމާންޑް ކުރުން އާއްމުވަމުންދާ ކަމަށެވެ.

"ދިވެހި ޕްރޮފެޝަނަލް ޓުއާ ގައިޑެއް ފައިސާ ހޯދުމަށް ޑިމާންޑެއް ނުކުރާނެ. ނަމަވެސް ބިދޭސީން ގެސްޓުން ގޮވައިގެން އުޅެފަ ފައިސާ ހޯދަން ޑިމާންޑް ކުރޭ. މިހެންވުމުން ރާއްޖޭގެ އަގު މި ވެއްޓެނީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަށް ފާސް ނެތި އުޅޭ "ޓުއާ ގައިޑުން" ހުއްޓުވަން ޓޫރިސްޓު ފުލުހުން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.

"ޓޫރިސްޓު ފުލުހުން ގިނަ މަސައްކަތްތަކެއް ކުރޭ. ނަމަވެސް އެގޮތަށް އުޅޭ މީހުން ގެންގޮސްގެން އެ ބޭފުޅުންނަށް އެޅޭނެ ފިޔަވަޅެއް ނޯވެ. ގަވާއިދު އިންނަ ގޮތުން ފިޔަވަޅު އަޅަން ޖެހެނީ މިނިސްޓްރީން. ޓޫރިޒަމް މިނިސްޓްރީއަކަށް އެކަމެއް ނުވޭ. އޭގައި އިންނަނީ ޖޫރިމަނާ ކުރާ ގޮތަށް. މިކަމަށް ބޭނުންވަނީ ފުލުހުންނަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކުރާ ސްލިޕެއް. ނަމަވެސް އަދި އަދަށްދާންދެން ވެސް އެ ސްލިޕް ހަދާފައި ފުލުހުންނާ ހަވާލު ނުކުރެވިގެން އެ އުޅެނީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގެ ސަބަބުން ސަރުކާރު ބަދުނާމު ވަމުންދާ ކަމަށެވެ.

"ކޮންމެ ގޮތެއްވިއަސް މާލެ އަންނަ ޓޫރިސްޓުންގެ އަތުން ފޭރުން ފަދަ ކަންތައް ވާނަމަ އެ ކަމުން ސަރުކާރާއި ރާއްޖެ ބަދުނާމު ވާނެ،" ޝިޔާމް ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލަ މިވަނީ ޓޫރިޒަމް ދާއިރާގައި ވެސް ބޮޑުވެފަ އެވެ. ހާއްސަކޮށް ޓޫރިސްޓުންނަށް މެހުމާނުދާރީ އަދާކުރާ ރެޕުންނާއި ޓުއާ ރަށުތެރެ ދައްކާލަން ނުކުންނަ، ގައިޑުންގެ ގޮތުގައި ބިދޭސީން މަސައްކަތް ކުރުމަކީ ވެގެންވާނެ ކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަން ހުއްޓުވަން ޖެހެ އެވެ. ސަބަބަކީ މިގޮތަށް މަސައްކަތް ކުރާ މީހުންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ ނަން ހަޑިވަމުން ދިއުމެވެ.