ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު ޝިޔާމް

ފާޑުވިދާޅުވީ ހަޖަމު ނުވެގެން، ދާނީ ކުރިއަށް: ޝިޔާމް

މާލެ ސިޓީގައި އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތް، ސައިކަލް ބުރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާޑު ވިދާޅުވީ ރައްޔިތުން ކުރި އިހުތިޖާޖު "ހަޖަމު"ވެ ވަޑައި ނުގަތުމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ހެންވޭރުގައި މިރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑު ދުވަސްވަރެއް ކަމަށާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"ވަރަށް ހިތާމަކުރަން މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި. އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅާ އުޅުއްވި މަންޒަރު ފެންނިގެން ހިނގައްޖެ. އެއީ ވަރަށް ހިތާމަވެރި ކަމެއް،" އިދިކޮޅުން ބޭއްވި ސައިކަލް ބުރަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ސައިކަލް ބުރުގައި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުުޅުން އަދި އިދިކޮޅަށް ނިސްބަތްވާ މަޖިލީސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެއްވެސް ގައިދުރުކަމެއް ނެތި ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. އަދި ސައިކަލް ބުރު ޕީޕީއެމް އޮފީސް ކައިރިއަށް ނިންމާލުމުން ޕްރޮގްރެސިވް ކޯލިޝަންގެ އިސްވެރިން ވަނީ ބައިވެެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ އެޗްޕީއޭގެ އެންގުންތަކުގައި ގާނޫނުގެ ބާރުވެރިކަން ހުންނާނެ ކަމަށާއި އެކަންކަމާއި ހިލާފަށް އެއްވެސް ބަޔަކަށް އަމަލު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތައް މުގުރާލާފައި އެއްވެސް ފަރާތަކަށް އަމަލު ކުރުމުގެ ފުރުސަތެއް ނުދޭނަން. އެކަމާއި ގުޅިގެން ސަރުކާރުން، ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހު މިރޭ އިންޓަވިއުވެސް ދެއްވީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ކަމަށެވެ.

"އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް މިރޭ ނިކުންނަވާ ރައީސް ސޯލިހު ދެއްވި އިންޓަވިއު އަކީ އަލިފާނުގެ ހާދިސާއަށް ވުރެ ބޮޑަށް މިއަދު ހަވީރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ރައްޔިތުން ނިކުމެ 'ގައުމު ވިއްކާލުމާއި ދެކޮޅަށް' ކުރި އިހުތިޖާޖު 'ހަޖަމު' ނުވެގެން ދެއްވި އިންޓަވިއުއެއް. އަޅުގަނޑުމެން ދާނީ ކުރިއަށް،" ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ މިހާރު ވެސް ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. ފުލުހުން ބުނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.