ހަބަރު

ރާއްޖޭގައި ފެނުން މައްޗަށް މިޔަރު އަރާ ހިފާ މަންޒަރެއް

Aug 29, 2020
8

މަސް ބާނާއިރު މަހުގެ އެއްބުރި މިޔަރު ކާލާފައި އޮތުމަކީ އާ ކަމެއް ނޫނެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ހިމާޔަތް ކުރި ފަހުން މަސްވެރިންގެ މި ޝަކުވާ ކުރެ އެވެ. އެކަމަކު ފެނުން މައްޗަށް މަހެއް ނަގަނިކޮށް މިޔަރު އަރާ ހިފާ މަންޒަރު ރާއްޖެއިން ފެންނަނީ ވަރަށް މަދު ފަހަރެއްގަ އެވެ. އައްޑޫގައި ރެކްރިއޭޝަން ފިޝިންގެ ހިދުމަތްދޭ، އައްޑޫ ސްޕޯސް ފިޝިން މޯލްޑިވްސް (އޭއެސްއެފް) އިން މިވަނީ ބޮޑު މިޔަރެއް އަރާ ފެންމަތީން މަހެއް ކާލަން މަސައްކަތް ކުރާ މަންޒަރުގެ ވީޑިއޯއެއް ނަގާފަަ އެވެ.

"މިއީ ހިނގާ ކަމެއް އެކަމަކު މި މަންޒަރު މިހާ ރީތިކޮށް، ފެންމަތިން ފެނުމަކީ މީގެ ކުރިން ފެންނަ ނޫން. މަދުން ނޫނީ ނުފެންނަ މަންޒަރެއް މިއީ،" 2007 އިން ފެށިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ، އަބްދުﷲ އާނިފް ބުންޏެވެ.

އޭއެސްއެފް އިން މި މަންޒަރު ނަގާފައި ވަނީ ސ. ހިތަދޫ ބޭރުންނެވެ. އެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ އޭއެސްއެފް އިން މަސްވެރިކަމުގައި ބޭނުންކުރި އުޅަނދުގެ ކައިރީައި މިޔަރެއް ހަރަކާތްތެރިވާ މަންޒަރެވެ. ބެލެވޭ ގޮތުގައި އެއީ ވޮށިމަސް މިޔަރެކެވެ. އޭގެ އިރުކޮޅެއް ފަހުން އެ މިޔަރު ފެންމަތީގައި އުޅޭ މަންޒަރު ވެސް ފެނިގެންދެ އެވެ. އެކަމަކު މި ބޮޑު މިޔަރުގެ އުނދަގޫ އާނިފާއި އެކުވެރިންނަށް ކުރިމަތިވެދާނެ ކަމަށް އެ މީހުން ހިއެއް ނުކުރެ އެވެ. އެ އުނދަގޫ ކުރިމަތިވީ ކުއްލިއަކެވެ. އެ މީހުން ގާތްގަނޑަކަށް 26 ކިލޯގެ ކަންނެއްޔެއް ބާނައި ލޯންޗަށް ނަގަނިކޮށް ކުއްލިއަކަށް މިޔަރު ހިފި އެވެ. މިޔަރު ހިފިއިރު ކަންނެލީގެ ބޮޑުބައި އޮތީ ފެނުން މަތީގަ އެވެ. ފުނުން މަތީގައި އޮތަސް މިޔަރު ދުލެއް ނުދިނެވެ.

ކަންނެލި ލޯންޗަށް ނަގަށް އޭރު އޮތީ ދާވަނި ވެސް އަޅުވާފަ އެވެ. ދާވަނީގައި އެކަކު ހިފައިގެން ހުރިއިރު، ކަންވާރުގައި ވެސް އެހެން މީހަކު ހިފައިގެން ހުއްޓެވެ. ކަންނެލީގައި މިޔަރު ހިފުމާއެކު، ދާވަނި އަޅުވައިގެން ހުރި މީހާ ކަންނެލީގެ ކަރުތާފަތްގަނޑަަށް އަތް ކޮއްޕާލައި މައްޗަށް ދަމަން ފެށި އެވެ. އެކަމަކު ވެސް މިޔަރު ދުލެއް ނުދިނެވެ. ކަންނެލީގެ ނަގޫފަތުގެ މަތިން ބައިފޫޓުވަރު އޭރު އޮތީ މިޔަރުގެ އަނގައިގެ ތެރޭގަ އެވެ. މިޔަރު ދިޔައީ ކަންނެލީގެ އެއްބުރި ހިފައިގެނެވެ.

މިޔަރު އަރާ ކަންނެލީގެ އެއްބުރި ކާލާ ވީޑީއޯ -- އޭއެސްއެފް

ރެކްރިއޭޝަން ފިޝިންގައި އުޅޭ މީހުންނަށް މި ތަޖުރިބާ ކުރެވެ އެވެ. މިކަމުން ލިބޭ ގެއްލުންވެސް ބޮޑެވެ. މި މަސްވެރިކަމުގައި އާއްމު ގޮތެއްގައި ބޭނުންކުރާ ވަދެއްގެ އަގު ވެސް 500ރ. އަށްވުރެ ބޮޑެވެ. "ވަރަށް ބޮޑު މައްސަލައެއް މިއީ. ވަރަށްގިނަ މަސްވެރިން މިހާރު ޝަކުވާ ކުރާކަމެއް މިއީ. މިކަން ދިރާސާކޮށް އެބަޖެހޭ ދިމާވާ ސަބަބު ހޯދަން،" އާނިފު ބުންޏެވެ.