ނޮބެލް ސުލްހައިގެ އިނާމު މި ފަހަރު ހޯދި ޓިއުނީޝިއާގެ ސުލްހައިގެ މެދުވެރިން އެ އިނާމު ސިފަކުރަނީ މަޝްވަރާގެ ބާރު ރަމްޒުކޮށްދޭ މެސެޖެއްގެ ގޮތުގައެވެ.
2011 ވަނަ އަހަރު ޓިއުނީޝިޔާއަށް ގެނައި އިންގިލާބަށް ފަހު، އެގައުމު އޮތީ ދާހިލީ ހަނގުރާމައެއްގެ ތުންފަތް މަތީގައެވެ. ސީރިޔާއާއި ޔަމަނު މިހާރު ވެއްޓިފައި އޮތް ހާލަތަށް ޓިއުނީޝިޔާ ވެއްޓިދާނެ ކަމުގެ ބިރު އޭރު އޮތީ ވަރަށް ބޮޑުވެފައެވެ. ދީނީ ޖަމާއަތްތަކާއި އިލްމާނީ ފިކުރުގެ މީހުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ ލޭއޮހޮރުވައި ސިޔާސީ ދެ ލީޑަރުން މަރާލިއެވެ. އެހިސާބުން، ގައުމު ހަނާވުމުން ސަލާމަތްކުރަން ނުކުތީ މަދަނީ ހަތަރު ޖަމިއްޔާއެކެވެ. މިއަދު ނޮބެލް ސުލްހައިގެ އިނާމު ލިބިގެން ދިޔައީ މި ހަތަރު ޖަމިއްޔާއަށެވެ.
މި ހަތަރު ޖަމިއްޔާއިން ސިޔާސީ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ބޭއްވުމުގެ މެދުވެރިއެއްގެ ދައުރު އަދާކޮށް އެއް މޭޒު ދޮށަށް ސިޔާސީ ހަތުރުން ގެނަސް އެ ފަރާތްތަކުގެ ދެކޮޅުވެރިކަމުގެ އަގަކަށް ގައުމު ވެގެން ދިޔަ ނުދިނުމަށް ބުރަ މަސައްކަތް ތަކެއް ކުރިއެވެ. މި ޖަމިއްޔާ ތަކަކީ ދަ ޓިއުނީޝިއަން ހިއުމަން ރައިޓްސް ލީގް، ޓިއުނީޝިއަން އޯޑާސް އޮފް ލޯޔާޒް، ޓިއުނީޝިއަން ޖެނެރަލް ލޭބާ ޔޫނިއަން އަދި ޓިއުނީޝިއަން ޖެނެރަލް ލޭބާ ޔޫނިއަން އެވެ.
މި ހަތަރު ޖަމިއްޔާގެ މަސައްކަތަކީ މިއަދު ސުންނާފަތި ވަމުންދާ އަރަބި ގައުމުތަކަށް ފިލާވަޅު ލިބިގަނެވޭނެ މަސައްކަތެކެވެ. ޓިއުނީޝިއާގައި ދުސްތޫރީ ވެރިކަމެއް ގާއިމް ކުރުމުގައި ލިބުނު ކާމިޔާބީ އަކީ ހަތިޔާރު ބަހައްޓައި ސުލްހައިގެ މޭޒުދޮށަށް އައުމަށް ލީބިޔާ އާއި ސީރިއާ ފަދަ ގައުމުތަކަށް ހިތްވަރު ލިބޭނެކަމެއް ކަމަށް ނޮބެލް އިނާމާ ބެހޭ ކޮމެޓީން ބުނެއެވެ.