ބޮލީވުޑް

އަމީތާބުގެ ކާފަދަރި އަގަސްތުޔާ ފިލްމު ކުޅޭކަށް ނޫޅޭ

އަމީތާބު ބައްޗަންގެ އަންހެން ދަރިފުޅު ޝްވޭތާ ނަންދާގެ ފިރިހެން ދަރިފުޅު އަގަސްތުޔާ ނަންދާ ފިލްމު ކުޅެން އުޅޭ ކަމަށް އިންޑިޔާގެ ނޫސްތަކުން ފަތުރާފައިވާ ޚަބަރަކީ ދޮގެއް ކަމަށް އާއިލާގެ ގާތް މީހަކު ބުނެފި އެވެ.

އިންޑިޔާގެ ނޫހަކުން ދާދި ފަހުން ބުނެފައިވަނީ ބޮލީވުޑަށް ތައާރަފްވާން އަގަސްތުޔާ ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް ނެޕޮޓިޒަމްގެ ބަހުސްތައް ހޫނުވެފައިވާ މި ދުވަސްވަރު ފިލްމީ ދުނިޔެއަށް ވަދެގެން އިތުރު ބަޔެއްގެ ނަފްރަތާ އަގްސްތުޔާ އާ ކުރިމަތިކުރާކަށް އަމީތާބުގެ އާއިލާ ބޭނުމެއް ނުވެ އެވެ.

އަމީތާބުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ ފިލްމުކުޅުމުގެ އެއްވެސް ޝައުގެއް އަގަސްތުޔާގެ ނެތެވެ. ހަމަ ގައިމުވެސް މި ވަގުތު އޭނާ ހުރީ އެފަދަ ކަމެއް ކުރަން ވިސްނައިގެނެއް ނޫނެވެ.

އޭނާ ބުނި ގޮތުގައި އަގަސްތުޔާ އަދި ކިރިޔާ ޔުނިވަސިޓީ ތައުލީމު ފެށީ އެވެ. އޭނާއަކީ ކިޔެވުމަށް ވަރަށް މޮޅު ކުއްޖަކަށް ވާތީ އަދި ކިޔެވުން ފިޔަވައި އެހެން ކަމަކަށް ސަމާލުކަން ދޭން ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން ކަރަން ޖޯހަރް ވިޔަސް އަދި އެހެން މީހަކު ވިޔަސް އަގަސްތުޔާ ހިންދީ ފިލްމު އިންޑަސްޓްރީއަށް ނެރެން މަސައްކަތް ކުރުމަކީ ބަޔެއްގެ ހަމައެކަނި ޚިޔާލީފޮލައެކެވެ. މި ވާހަކަތައް ފެތުމުން ބައްޗަން އާއިލާ އިން ވަރަށް ރުޅިއައިސްފައިވާ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

އަގަސްތުޔާގެ އިތުރުން ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ބޮލީވުޑަށް ތައާރަފް ކުރަން ކަރަން މަސައްކަތް ކުރާ ކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. މިއީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ. އަދި ބޮލީވުޑް ފިލްމު ކުޅުމުގެ ޝައުގެއް އާރްޔަން ވެސް ނުގެންގުޅޭ ކަމަށް ވެއެވެ.

ފިލްމީ ތަރިންގެ ތެރެއިން މިހާރު އިންޑަސްޓްރީއަށް ތައާރަފްވާން ބޭނުންވެގެން އެކަމަށް ތައްޔާރުވަމުންދަނީ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް އަލީ ޚާނެވެ. ނަމަވެސް އޭނާއަކީ ވެސް އަދި ވަރަށް އުމުރުން ހަގު ކުއްޖަކަށް ވާތީ ކުރިއަށް އޮތް ދެތިން ހަތަރު އަހަރު ވެސް އޭނާގެ ފިލްމެއް ވެސް ފެނުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.