ދުނިޔެ

އިޒްރޭލަށް ހަމަލާ ދޭން ހިތްވަރު ދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާ އިން ނަގަނީ

އިޒްރޭލަށް ހަމަލާދޭން ހިތްވަރުދޭ ވީޑިއޯތައް އުނިކޮށްދިނުމަށް އިޒްރޭލުން ޔޫޓިއުބާއި ފޭސްބުކްގެ ކިބައިން އެދިއްޖެއެވެ.

އިޒްރޭލުން ބުނީ މިދިޔަ ހަފްތާގައި އެގައުމަށް ހަމަލާ ދިނުމަށް ފަލަސްތީނުމީހުންނަށް ހިތްވަރު ދިނުމުގައި މިފަދަ ވީޑިއޯތަކުގެ ދައުރެއް އެބަ އޮތް ކަމަށެވެ. ނިމުނު ހަފްތާގައި އިޒްރޭލުގެ ހަތަކު މީހަކު މަރާލާފައި ވާއިރު އިޒްރޭލުން ވަނީ ފަލަސްތީނުގެ ފަސް މީހަކު މަރާލާފައެވެ.

އިޒްރޭލުން ބުނީ ޔޫޓިއުބްގެ މައި ކުންފުނި ގޫގްލް އަށާއި ފޭސްބުކްއަށް މިކަން އަންގާފައިވާ ކަމަށެވެ. އިޒްރޭލަށް ދޭ ހަމަލާތަކަށް ތައުރީފްކޮށް، ޔަހޫދީންނާއި މެދު ނަފްރަތު އުފައްދާ ވީޑިއޯތަކެއްގެ ސަބަބުން ހަމަލާތައް އިތުރު ވެފައިމާ ކަމަށެވެ.

ގޫގްލް އާއި ފޭސްބުކްއިން ބުނީ ވަކި ވަކި ވީޑިއޯ އާއި މެދު އެ ދެ ކުންފުނިން ކުރާނެ ކޮމެންޓެއް ނެތް ކަމަށެވެ. އަދި އަނިޔާވެރިކަމަށް ގޮވާލާ ވީޑިއޯ ތަކާއި ފިތުނަ އުފައްދާ ވީޑިއޯ ތަކަށް ޔޫޓިއުބްއާއި ފޭސްބުކްއިން ވެސް ޖާގަ ނުލިބޭނެކަން ކުންފުނީގެ އުސޫލުތަކުގައި ސާފުކޮށް ބުނެފައި ވާނެ ކަމަށް ދެ ކުންފުނިން ވެސް ބުންޏެވެ. އަދި މިފަދަ ވީޑިއޯތައް ރިޕޯޓްކުރެވޭނެ ކަމަށާއި އޭރުން އެއީ ބުރަދަން ހުރި ރިޕޯޓްކުރުމެއް ނަމަ އެފަދަ ވީޑިއޯތައް އުނިކުރާ ކަމަށެވެ.

ޔޫޓިއުބުގައި ހުރި އިޒްރޭލު ކަންބޮޑުވާ ދެ ވީޑިއޯގެ ތެރެއިން އެއް ވީޑިއޯ މިހާރުވެސް ވަނީ އުނިކޮއްފައެވެ.

އިޒްރޭލުގެ ހަރުކަށި އަމަލުތަކާ ގުޅިގެން ސޯޝަލް މީޑިއާ ގައި އެތައް މިލިއަން ބަޔަކު ޝުއޫރު ފާޅު ކުރެއެވެ. ކުރިން ގައުމު ތަކުގެ ވިސްނުން ހުރިގޮތް ތިލަ ވަނީ އެގައުމުތަކުގެ ވެރިން ރަސްމީ ހައިސިއްޔަތުން ހާމަކުރައްވާ ވާހަކަތަކުން ނަމަވެސް މިހާރު ގައުމުތަކުގެ އާންމުންގެ ވިންދު މައްސަލައަކާއި މެދު ހުރި ނެތް ގޮތް ސޯޝަލް މީޑިއާއިން ފެނިގެންދެއެވެ.